އަޅުގަނޑުމެން ދެމީހުން ކިޔެވީ އެއްކޮލެޖަކުންނެވެ. އެއް މާއްދާތަކެކެވެ. ޙާޞިލުކުރީ އެއް ޑިގްރީއެކެވެ. ދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮތެވެ. ދެމީހުންވެސް ހިތުގެ އެންމެ އަޑިން އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. ނަމަވެސް އެވާހަކަ ދެއްކުމުގެ ހިތްވަރު އެކަކަށްވެސް ނުލިބުނެވެ.
ޑިގްރީ ޙާޞިލްކުރެވުނުތަނާހެން މަންމަ ބަލިވެއުޅެން ފެށުމުން ރަށަށް ބަދަލުވެ ސްކޫލުން ވަޒިފާއެއް ހޯދީމެވެ. އެއިރުވެސް ދެމީހުން ވާހަކަދައްކަމެވެ. 5 އަހަރުވީއިރުވެސް އޭނާ ކައިވެންޏެއް ނުކުރިތަނުގައި ލޯބިވެރިއަކުވެސް ނުހޯދުމުން ބޮޑު ދޮގެއް ހެދީމެވެ. ބުނީމެވެ. "މީހަކު ދެކެ ލޯބިވެވުނީމަ ކައިވެނިކޮށްފީމެވެ."
އެހެން ބުނެވުނީ ވަރަށް ހިތްވަރުންނެވެ. އަޅުގަނޑަށް އިންތިޒާރުކޮށްގެން އޭނާގެ ޢުމުރު ހޭދަކޮށްލުމަކީ އޭނާއަށް ލިބޭ ވަރަށް އަނިޔާއަކަށްވާނެތީ އެކަމުން އޭނާ ސަލާމަތްކުރުމުގެ އުންމީދުގައެވެ.
އެހެން ބުނުމަކުންވެސް ވާހަކަދެއްކުން އޭނާ ހުއްޓައެއް ނުލައެވެ. އައީ ވާހަކަ ދައްކަމުންނެވެ. އެގޮތުގައި 10 އަހަރު ފާއިތުވިފަހުން ފެނުނީ އަންގައިވެސް ނުލައި ރަށަށް އައިސް ހުއްޓައެވެ. އޭނާގެ ފަހަތުން ޒުވާނުންތައް އެނބުރެއެވެ. ހީވަނީ އެމީހުންގެ ވަރަށް ގާތް މީހަކު އައިސްގެން އުޅޭހެންނެވެ.
އެހެންވެ މިވާ ގޮތެއް އޮޅުންފިލުވައިލިއިރު މިވީގޮތަކީ އޭނާއަކީ ރަށުގެ ދެ ޖަމިއްޔާއަށް އެހީތެރިވަމުންނެވެ. އެހެންވެ ހުރިހާ ޒުވާނުންނަށް އޭނާވެފައިވަނީ ވަރަށް މުހިންމު މީހަކަށެވެ.
މަސައްކަތް ނިމިގެން ހަވީރު ގޮސް ގެއަށް ވަންތަނުން އަޅުގަނޑާއި ބައްދަލުކުރަން އައިސް ފުރަތަމަވެސް އެދުނީ ފިރިމީހާ ދެއްކުމަށެވެ. އެހެން ބުނުމުން ޖަވާބު ނުދެވިގެން އުޅެނިކޮށް ޒުވާނުންތައް ބުނަން ފަށައިފިއެވެ. "ޝިރޫ މެޑަމްގެ ފިރިއަކު ހުރިއްޔާ އޭނާވީ މާލޭގައެވެ. މިރަށަކު ނެތެވެ. މިރަށަކަށް ދުވަހަކުވެސް ނައުދެއެވެ." އެހިސާބުން އަޅުގަނޑު ހުރީ ކައިވެނިނުކޮށްކަން އޭނާއަށް ވިސްނުނެވެ.
އޭނާ ބުންޏެވެ. "ޝިރޫއެވެ. މިހުރިހާ ޒުވާނުން އަހުރެންނާއި ވަރަށް ގާތެވެ. ގާތް ގުޅުމެއް އޮންނަތާ އެތައް ދުވަހެކެވެ. އެކަމަކު އަހުރެން ޝިރޫގެ އެއްވެސް ވާހަކައެއް އެމީހުންގެ ގާތަކު ނުދައްކަމެވެ. ދެމީހުންނަކީ ދަންނަ ބައެއް ކަމެއް އެމީހުންނަކަށް ނުއެނގޭނެއެވެ.
ޝިރޫ ކައިވެނިކޮށްފިން ކަމަށް ބުނުމުން އެއަޑު އަހުރެންނަށް އިވުނެވެ. ނަމަވެސް އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އަހުރެން މިރަށަށް މިއައީ ހިތުގެ އެދުންތަކަށް ކެތްނުކުރެވިގެންނެވެ. ޝިރޫ އާއި ކައިވެނިކުރާށެވެ. އެހެން އެއްވެސް ބޭނުމަކު ނޫނެވެ. އަހުރެން އައި ބޭނުން ފުއްދައިދިނުމާއި ނުދިނުން އޮތީ ޝިރޫގެ އަތްމަތީގައެވެ."
އޭނާގެ ޥާހަކަތަކުގެ އަޑުއިވުމުން ޒުވާނުންތައް ހަމަހިމޭންވެއްޖެއެވެ. ތިބީ އަޅުގަނޑު ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ބުނީމެވެ. "10 އަހަރުގެ އިންތިޒާރު ނިމުމަކަށް ގެނެސް ދެއްވެވި ކަމަށްޓަކައި ﷲ އަށް ޙަމްދުކުރަމެވެ. މިތިބީ ރަށުގެ އިސް ޒުވާނުންނެވެ. އެމީހުންނަށް ނުކުރެވޭނެ ކަމެއް މިރަށަކު ނުއޮންނާނެއެވެ. އެހެންވީމާ މިއަދުން މިއަދަށް ތިއަކަން އަވަހަށް ނިންމާށެވެ!" އެހިސާބުން ޒުވާނުންތައް ކޮޅުކޮޅަށް ދުއްވައިގެންފިއެވެ. އިރުކޮޅަކުން ފެނުނީ އޭނާގެ ލަގެޖް ގެނެސް ގެއަށް ވެއްދިތަނެވެ. ޢިޝާނަމާދަށްފަހު ކައިވެނިކޮށް ނިންމައިފިއެވެ.
އެކައިވެނީގައި މިހާރު 7 އަހަރުވީއެވެ. 2 ދަރިން ލިބިއްޖެއެވެ. އަޅުގަނޑު މިއިންނަނީވެސް ރަށުގައެވެ. ރަށަށް ޚިދުމަތްކުރަން ބޭނުންވާތީއެވެ. ފިރިމީހާވެސް އެކަން ބޭނުންވާތީއެވެ. ދިރިއުޅެނީ މާލޭގެ ނިޞްބަތުން ގަނޑުވަރެއް ފަދަ ގެއެއްގައެވެ. މަހަކު އެއްފަހަރުހެން ފިރިމީހާ ރަށަށް އައުދެއެވެ.
އަޅުގަނޑު ބުނެލަން ބޭނުންވަނީ ލޯބީގައި ތެދުވެރިވެއްޖެނަމަ އެދެމީހަކަށް ރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެކަން މިވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ. ވީމާ ކޮންމެ ދެމީހަކު ނަމަވެސް ލޯބިވާނަމަ ލޯބީގައި ތެދުވެރިވާށެވެ. އެކަމުގެ ނަތީޖާ ވަރަށް ފޮނުވާނެއެވެ. އިން ޝާ ﷲ
- ޝިރުމީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް