ޢިބްރަތްތެރި ވާހަކަ: "ޝަހީމް އާ ސާރާގެ ކައިވެނި": އަލަތު ލޯބީގަޖަހާ ވިންދުގެ ބާރަކީ ކެނޑިގެންދާ ބާރެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޢިބްރަތްތެރި ވާހަކަ: "ޝަހީމް އާ ސާރާގެ ކައިވެނި": އަލަތު ލޯބީގަޖަހާ ވިންދުގެ ބާރަކީ ކެނޑިގެންދާ ބާރެއް ނޫން!

އެއީ ކުޑައިރުގެ 2 އެކުވެރިންނެވެ. ލޯބިވުމަކީ ކޮބައިކަން ނުވެސް އެނގޭހައި ހަގު ޢުމުރުގައިވެސް ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށް ލޯބި އޮވެއެވެ. ގްރޭޑް 12 ނިމުމުން ފިރިހެން ކުއްޖާގެ މައިންބަފައިން އެމީހުންގެ ދަރިފުޅު މަތީތަޢުލީމަށް ރާއްޖެއިން ބޭރަށް ފޮނުވައިލި ހިސާބުން ދެމީހުންގެ ގުޅުން އޮތީ ކެނޑިފައެވެ. ނަމަވެސް އެހަނދާންތައް ހިތުން ފިލައިގެނެއް ނުދެއެވެ. 

އެއިގެ 8 އަހަރުފަހެވެ. އަންހެން ކުއްޖާގެ ކައިވެނި ރޫޅި ނިކަމެތިވީއެވެ. ލިބިފައިތިބި 2 ދަރިން ގޮވައިގެން އުޅެންޖެހުނީއެވެ. ވަޒީފާއެއް ހޯދަނަ މްޖުބޫރުވީއެވެ. އެންމެ ފަސޭހައިން ލިބޭނީ ދަށުދަރަޖައިގެ ވަޒީފާތަކަށް އެދުމުންކަމަށް ޤަބޫލުކޮށް އެންމެ އާދައިގެ ވަޒީފާތަކަށް އެދެން ފެށިއެވެ. 

10 ވަރަކަށް ދުވަހުގެ ތެރޭގައި ވަޒީފާއެއް ލިބުނެވެ. ކުންފުންޏެއްގެ މަސައްކަތު އަންހެނެއްގެ ވަޒީފާއެވެ. ވަޒީފާގައި މަހެއްހައި ދުވަސްވާން ކައިރިވެފައި ވަނިކޮށް ވެރިމީހާގެ ކޮޓަރިއަށްދާން އެންގުމުން ވަރަށް ބިރުގަތެވެ. ހީކުރީ ކުށެއް ކުރެވިގެން ވަޒީފާއިން ވަކިކުރަން ކަމަށެވެ. އެހެންވެ ވަރަށް ކަންބޮޑުވިއެވެ. ގޮސް ވަނީވެސް އިސްދަށަށް ޖަހައިގެން ހުރެއެވެ. 

ވަދެ އަދަބުވެރިކަމާއިއެކު ހުއްޓުމުން "ސާރާ" އެވެ ބުނި އަޑުން ލިބުނީ މާ ބޮޑު ސިހުމެކެވެ. އެއީ ސާރާގެ ހިތުގެ ރަސްގެފާނުގެ ޢަޑުކަމަށްވާތީއެވެ. އެކަމަކު ޔަޤީންނުކުރެވޭތީ އިސްދަށަށް ޖަހައިގެން ހުރެ ޖަވާބު ދިނުމުން އިސް އުފުލައި ހަތަރުކަޅިހަމަކުރަން ބުނުމުން އަޑާއިމެދު ހިތުގައި އޮތް ޝައްކު ފިލައި ހިނިތުންވެލެވުނެވެ. 

"ސާރާ ކިހިނެއްތަ މިވީ؟ ކީއްވެތަ މަސައްކަތު އަންހެނެއްގެ ވަޒީފާއަށް އެދުނީ؟ ފިރިމީހާ ބަލިވެ މަސައްކަތް ނުކުރެވޭ ޙާލަތެއް ކުރިމަތިވީތަ؟" 

ޖަވާބުގައި ސާރާއަށް ކުރިމަތިވި ޙާލު ކިޔައިދިނެވެ. ދެ ދަރިންނަށް ކާންދެވޭނެ ގޮތެއްވެސް ނެތުމުން ލިބެން އޮތް އެންމެ އަވަސް ގޮތަކުން ވަޒީފާއެއް ހޯދަން މަސައްކަތްކުރީ ކަމަށް ބުންޏެވެ. 

"ސާރާ! އަހުރެން ސާރާއަށް ވަޒީފާދިނީ ތިއައީ އަހުރެންގެ ސާރާކަން އެނގިގެނެއް ނޫން! ނަމަވެސް ލޯބިކުރެވޭވަރު ބޮޑުކަމުން! ސާރާއާ ބައްދަލުމިކުރީ ބަކުރީގެ ފަރާތުން ސާރާ މިއޮފީހުގަ އުޅޭކަން އެނގިގެން. ސާރާ! ސާރާއަށް 2 ކުދިން ލިބިފައި ތިބުމަކީ މައްސަލައެއް ނޫން! ބަލި މަންމައެއް ބަަލންޖެހިފައި އޮތުމަކީވެސް މައްސަލައެއް ނޫން! ޝަހީމްގެ 3 ކުދިން އެބަތިބި! ބައްޕަމެންގެ ބަހަށް ކުރި ކައިވެނި ބޮޑުތަނުން ފޭލްވީ! ޑްރައިވަރާ ހިތާވީމާ ވަރިކޮށްފަ ފޮނުވާލައިފިން. ކުދިންވެސް އަތުލާފަ! މިއީ ވަޤުތު ނަގާނުލައި ދެމީހުން ގުޅެންވީ ވަޤުތު. މިރޭ ހެކިވެރިން ފޮނުވާނަން! އިންކާރު ނުކުރާނެ ކަމަށް ޔަޤީންކުރަން." 

ސާރާގެ ޖަވާބަކަށްވީ އޭނާފަދަ ދަށުދަރަޖައިގެ އަންހެނަކާ ކައިވެނިކުރީމާ ޝަހީމްގެ މައިންބަފައިން ބަލައިގަންނާނެ ނަމަ ކުރިއަށް ދިއުމަށެވެ. ޝަހީމް ބުނީ ފުރަތަމަ މައިންބަފައިންގެ ބަސް ޤަބޫލުކޮށްފިން ކަމަށާއި ދެން ކުރިއަށްދާން ބޭނުންވަނީ އޭނާ ބޭނުންވާ ގޮތަށް ކަމަށެވެ. 

ކައިވެނިކުރެވުނީއެވެ. ކައިވެންޏަށް 12 އަހަރުވެސްވީއެވެ. ކުރިން ކައިވެންޏެއް ކުރެވުނުކަން ދެމީހުންވެސް ހަނދާނެއް ނެތެވެ. އުޅެމުން އަންނަނީ އަލަށް ކައިވެނިކުރި ދެލޯބިވެރިން ފަދައިން އެހާ އުފަލުގައެވެ. 

މިއީ އަޅުގަނޑުގެ ދެއެކުވެރިންކަމަށްވާ ޝަހީމް އާއި ސާރާގެ ވާހަކައެވެ. އެނގިގެން މިދަނީ އަލަތު ލޯބީގެ ވިންދުގެ ބާރު ކެނޑިގެން ނުދާ ކަމެވެ.

 

- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން