ބައްޕަގެ ގެއިން ލިބުނު ބިންކޮޅުގައި 3 ކޮޓަރީގެ ގެއެއް އެޅީމެވެ. މަސައްކަތްކުރުވީ ވަރަށް ގާތް އެކުވެރިއަކު ލައްވައެވެ. އޭނާ ހުށަހެޅި އެސްޓިމޭޓުން އެންމެ ރުފިޔާއެއްވެސް އުނިނުކޮށް އަގުދީގެންނެވެ.
އެތަނުގައި އުޅެންފެށިތަނާ ހިތްބިރުގަންނަން ފެށިއެވެ. ބައެއް ފަހަރު ލޯމައްޗަށް އަނދިރިވާހެންވެސް ހީވާން ފެށިއެވެ. އެއީ މާބޮޑު ކަމަކަށް ނުހަދަމެވެ. ޛިކުރުކޮށް ދުޢާކުރުމުން ހިތްވަރު ލިބިގެން ހުންނަން މަސައްކަތްކުރީއެވެ.
އެއްރޭ ހުވަފެނުގައި ފެނުނީ ފާޚާނާތަށިތެރެއިން އަތެއް އަރައި ތަށީގެ ތުންފަތުގައި ހިފައި ތަށިފަޅާލާފައި މައްޗަށް އަރަން އުޅޭތަނެވެ. ހެނދުނު ފިރިމީހާ ގާތުގައި އެވާހަކަ ބުނީމާ ބުނީ އިތުރަށް ތިއަ ވާހަކަ ނުދައްކައި ހުރުމަށެވެ. އަދި ކޮޓަރީގެ ފާޚާނާއަށް ނުވަނުމަށެވެ. އެހެން ބުނެފައި ގޮސް ކޮންމެވެސް އެއްޗެއް ކިޔަވާފައި ފާޚާނާގެ ލައްޕައި ތަޅުލިއެވެ.
ޕާކިސްތާނުގައި ފިރިމީހާގެ ރައްޓެހި ރުޤްޔާކުރާ މީހަކު ހުރެއެވެ. އޭނާއަށް ގުޅައި އެވާހަަކ ކިޔައިދިނުމުން އޭނާ އައިސް އެކުރި ކަންތައްތަކެއް ކޮށްފައި ބައަކު ގެނެސްގެން ފާޚާނާގެ ތަޅުންގަނޑު ތަޅާލައި ކޮނުނީއެވެ. ޙައިރާންވީ ޙައިރާންވީ ތަށި ކައިރިން ލިޔެފައި އޮތް ބޮޑު ވަޅިއެއް ފެނުނީމައެވެ.
އެކުރި ކަންތައްތަކެއް ކޮށްފައި ފާޚާނާ އަލުން ހަދައި ނިމުނީމާ އޭނާ ކިޔައިދިނެވެ. "ހުވަފެނުގައި އެކަން އެގޮތަށް އެފެނުނީ ދެމަފިރިންގެ ތަޤްވާވެރިކަން ބޮޑުކަމުންނެވެ. އެތަނުގައި ސިޙުރެއް ވަޅުލާފައި އޮތްކަން އެނގެންވެގެންނެވެ. ސިޙުރާއި ގުޅިފައިވާ ޖިންނިއަށް ގޭތެރެއަށް ވަދެނުގަނެވުނީ ގޭގައި ޤުރްޢާން ކިޔަވައި ނަމާދުކޮށް ޛިކުރުތައް ކިޔާތީއެވެ. އިރާދަކުރެއްވިއްޔާ އެކަމުގެ އުނދަގުލެއް ދެން ނުފޯރާނެއެވެ. އެސިޙުރު ހަދާފައި އެވަނީ އެކަކު މަރާލައިގެންވެސް ދެމަފިރިން ދުރުކުރުވާށެވެ! މީހަކަށް ޝައްކުކުރެވުނަސް ބަހެއްވެސް ނުބުނާށެވެ! އެންމެ ރަނގަޅު ގޮތަކީ އެކަންކުރީކަމާއިމެދު ނުވެސް ވިސްނުމެވެ."
އަހުރެންނަށް ބުނެވެން އޮތީ އެމަސައްކަތްކުރި ބައަކަށް ނޫނީ އެކަން ކުރެވޭނެ ކަމަށް ޤަބޫލުނުކުރެވޭ ވާހަކައެވެ. މިހުރީ ކިހައި ދެރަ ކަންތައް ހެއްޔެވެ؟ އިތުބާރުކުރެވެން އޮތީ ކާކަށް ހެއްޔެވެ؟
ސިޙުރުގެ ކަންކަން މިހައި ބޮޑުވެފައިވާއިރު މިވާހަކަ މިކިޔައިދިނީ ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ