ޖޫން މަހު ގެވެށި އަނިޔާ އަދި ޖިންސީ އަނިޔާގެ 35 މައްސަލަ ހުށަހަޅާފައި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޖޫން މަހު ގެވެށި އަނިޔާ އަދި ޖިންސީ އަނިޔާގެ 35 މައްސަލަ ހުށަހަޅާފައި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް، މިދިޔަ 2025 ވަނަ އަހަރުގެ ޖޫން މަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 35 މައްސަލަ ހުށަހެޅިފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމާއި، ނަފްސާނީ އަނިޔާކުރުން އަދި އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން، ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ނަފްސާނީ އަނިޔާކުރުން އަދި އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލަވެސް ވަނީ ހުށަހަޅާފައެވެ.

ހަމައެހެންމެ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ތެރޭގައި، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 2 މައްސަލައެއް ވެސް ހިމެނެއެވެ. އަދި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 05 މައްސަލައެއް ވެސް ވަނީ މިއަހަރު ޖޫން މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައެވެ.

މި މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 35 މައްސަލައިގެ ތެރޭގައި ހިމެނެނީ، އަންހެނުންނާ ގުޅޭ 33 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 02 މައްސަލައެކެވެ. މި އަދަދުތަކުން ދައްކައިދެނީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ތެރެއިން ގިނައީ އަންހެނުންކަމެވެ.

މިއަދު އޮންލައިން