ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 148 ކުދިން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 148 ކުދިން

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 148 ކުދިން ތިބިކަމަށް އެނގިއްޖެއެވެ.

މިކަމާ ގުޅޭގޮތުން ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މި 148 ކުދިންގެ ތެރޭގައި ހިމެނެނީ 80 ފިރިހެން ކުދިންނާއި 68 އަންހެން ކުދިންނެވެ. މިއީ އެކި ސަބަބުތަކާ ހުރެ ޢާއިލާގެ ބެލުމުން މަހުރޫމްވެ، ދައުލަތުގެ ރައްކާތެރިކަން ބޭނުންވާ ކުދިންނެވެ.

ހަމައެހެންމެ، މިދިޔަ ޖޫން މަހުގެ ތެރޭގައި އިތުރު 02 ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާކަމަށް ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ދެ ކުދިންނަކީވެސް އަންހެން ކުދިންނެވެ. މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަނބުރާ މުޖުތަމަޢަށް އަދި ޢާއިލާއަށް ގުޅުވައިދިނުމުގެ މަސައްކަތްވެސް މިވުޒާރާއިން ދަނީ ކުރަމުންނެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 01 ކުއްޖަކު ވަނީ އެ ކުއްޖާގެ ޢާއިލާއަށް ރީއިންޓެގްރޭޓް ކުރެވިފައެވެ.

އުމުރުން 18 އަހަރު ފުރި، އަމިއްލަ ދިރިއުޅުން ފެށުމަށް ތައްޔާރުވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 01 ކުއްޖަކު ވަނީ އުމުރުން 18 އަހަރު ފުރުމުން ވަޒީފާއާއިއެކު އަނބުރާ މުޖުތަމަޢަށް ރީއިންޓެގްރޭޓް ކުރެވިފައެވެ.

މީގެ އިތުރުން ދަޢުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން 01 ކުއްޖަކަށް ޖޫން މަހު ވަނީ އިންޓާންޝިޕް ފުރުސަތު ފަހިކޮށްދީފައެވެ. މިއީ މި ކުދިންނަށް މުސްތަޤްބަލުގައި އަމިއްލައަށް ފައިދިރުވައިލައި، މުޖުތަމަޢުގައި ދިރިއުޅުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ބަހެކެވެ.

މިއަދު އޮންލައިން