ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން އަނެއްކާވެސް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން އަނެއްކާވެސް ހުޅުވާލައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ. ޖޭއެސްސީން މިކަން އިޢުލާނު ކުރައްވަމުން ވިދާޅުވެފައިވަނީ މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެކަމަށް ކުރިމަތިލެއްވުމަށް ހުށަހެޅުއްވުމަށް ވަނީ އަންގަވާފައެވެ. މި މަޤާމު ހުސްވެފައި މިވަނީ، ކުރިން މި މަޤާމަށް އައްޔަންކުރެއްވުމަށް ނިންމަވާފައިވާ މުޙައްމަދު ޝަހީދު، އެމަނިކުފާނުގެ ނަންފުޅު އަނބުރާ ގެންދެވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 45,700 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި 18,000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3,300 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބިވަޑައިގަންނަވާނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުމާއެކު، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވުން ހިމެނެއެވެ. މީގެއިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ މި ދެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވުން ލާޒިމުވެއެވެ.

މިއަދު އޮންލައިން