ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަދި މި ފަރާތްތަކަށް ވަޒީފާ ދިނުމުގައި، އެ ފަރާތްތަކަށް އެކަށީގެންވާ މާހައުލެއްގައި މަސައްކަތްކުރެވޭނެކަން ކަށަވަރުކުރެވޭނެއެވެ.

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެހެން މީހުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމެވެ. މިކަމުގެ ސަބަބުން އުފާވެރި، ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ކެއަރ ސޮސައިޓީއާ ގުޅިގެން "ޖޮބް ރެޑިނަސް" ޕްރޮގްރާމްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދެއެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރު 2024 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާއިރު، ދެވަނަ ބުރު މިހާރު ވަނީ ފަށައިގަނެފައެވެ. މި މަސައްކަތްތަކަކީ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ވުޒާރާއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން