ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރުމުގެ ޒަމާނީ ނިޒާމެއް އިމިގްރޭޝަނުން ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރުމުގެ ޒަމާނީ ނިޒާމެއް އިމިގްރޭޝަނުން ތަޢާރަފްކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރުމުގެ އައު ނިޒާމެއް ތަޢާރަފްކޮށްފައެވެ. މި ނިޒާމަކީ އެ އިދާރާގެ ސީޕޯޓު ޑިވިޜަނުން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު ބެލެހެއްޓުމަށް ޤާއިމްކޮށްފައިވާ ނިޒާމެކެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އައު ނިޒާމުގެ ދަށުން މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ ހުރިހާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން މިހާރު ވަނީ ލިބިފައެވެ.

މީގެކުރިން ބޯޓުފަހަރު ރާއްޖެއަށް އަންނާނެ ވަގުތު ދެނެގަތުމަށް ކަސްޓަމްސްއާއި އެމްޕީއެލް ފަދަ މުއައްސަސާތައް މެދުވެރިކޮށް މަޢުލޫމާތު ހޯދަންޖެހޭއިރު، "މި އައު ނިޒާމާއެކު ކަނޑު އުޅަނދުތައް އޮންނަ ހިސާބާއި އެ އުޅަނދުތައް ރާއްޖެ އައިސް އެނބުރި ދާ ގަޑިތައްވެސް މިހާރު ވަނީ ސީދާ ދެނެގަނެވޭ ގޮތް ވެފައި" ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މި ނިޒާމަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައިވެސް ބޭނުންކުރަމުންދާ ޒަމާނީ ނިޒާމެއް ކަމަށާއި، މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޜަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

މި ނިޒާމް ތަޢާރަފްކުރުމާއެކު، ރާއްޖޭގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާވެ، ކަނޑު ދަތުރުފަތުރުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން