މަސައްކަތް ހުއްޓިފައިވާ މުރައިދޫ އަދި ގެމަނަފުށީގެ މިސްކިތުގެ މަސައްކަތް ނިންމުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މަސައްކަތް ހުއްޓިފައިވާ މުރައިދޫ އަދި ގެމަނަފުށީގެ މިސްކިތުގެ މަސައްކަތް ނިންމުމަށް  ދެ ކުންފުންޏަކާ ހަވާލުކޮށްފި

މަސައްކަތް ފެށި ހުއްޓިފައިވާ ހއ. މުރައިދޫ އަދި ގއ. ގެމަނަފުށީގެ މިސްކިތުގެ މަސައްކަތް ނިންމުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި ދެރަށުގެ މިސްކިތް އެޅުމުގެ މަސައްކަތް ކުރިން ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެ، ގިނަ މަސައްކަތްތައް ނުނިމި ހުއްޓިފައިވުމާ ގުޅިގެން، މިހާރު ވަނީ އެހެން ދެ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން ހއ. މުރައިދޫ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އަދި ގއ. ގެމަނަފުށީ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ.

މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ މިސްކިތް ތަކެކެވެ. މިސްކިތްތަކުގައި ވުޟޫކުރާ ސަރަހައްދާއި، މުއްނާރު، ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއްވެސް ހިމެނެއެވެ. އަދި މިސްކިތްތައް ފަރުމާކޮށްފައިވަނީ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާގޮތަށެވެ.

މި ދެ މިސްކިތް އެޅުމުގެ މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 7.7 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ. މުރައިދޫ މިސްކިތުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ. އަދި ގެމަނަފުށީ މިސްކިތުގެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުތައް އަލުން އެހެން ކުންފުނިތަކަކާ ހަވާލުކުރުމަކީ، ރަށްރަށުގެ ރައްޔިތުންނަށް މިސްކިތުގެ ޚިދުމަތް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.

މިއަދު އޮންލައިން