އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޤާއިމުކޮށްފައިވާ އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 131 ފަރާތަކަށް އައިނު ދޫކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފިއެވެ.
އައިޖީއެމްއެޗްއިން ދައުލަތުގެމީޑީއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި، އައިނު ފިހާރަ ހުޅުވި ފަހުން މިހާތަނަށް 1،267 ފަރާތަކުން ވަނީ ޚިދުމަތް ހޯދުމަށް އެދި ހުށަހަޅާފައެވެ.
މި ފިހާރައިން މިވަގުތު ޚިދުމަތް ފޯރުކޮށްދެމުންދަނީ އާސަންދައިގެ ދަށުން، ކޮންމެ 2 އަހަރަކުން އެއްފަހަރު ދޫކުރާ 2،000 ރުފިޔާގެ ސްކީމްގެ ތެރެއިންނެވެ. އެހެންކަމުން، ވޭތުވެދިޔަ 2 އަހަރު ތެރޭގައި އާސަންދައިގެ ދަށުން އައިނު ހައްދާފައިނުވާ ފަރާތްތަކަށް މިހާރު މި ފިހާރައިން އައިނު ހެއްދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އައު އައިނު ފިހާރައިގެ ޚިދުމަތް ފެށުމާއެކު، ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު އަދި އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އައިޖީއެމްއެޗްއިން ފާހަގަކުރެއެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ ދަށުން، އާސަންދައިގެ ތެރެއިން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި އައިނު ފިހާރައެކެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޖުލައި 27 ވަނަ ދުވަހުއެވެ.