ދަރިފުޅަށް އަހަރުވީތަނާ އަނބިމީހާ ގަދަކަމުން ވަރިވިއެވެ. ފިރިމީހާގެ ފަޤީރުކަމުން އެކުގައި އުޅެން ބޭނުންނުވާތީއެވެ. ކައިވެނިކުރާނެ ތަނަވަސް މީހަކު ލިބުމުން އޭނާއާއި ކައިވެނިކުރާށެވެ. ވަރިވެ ގެދޫކޮށް ގެއިން ނުކުތީ ރޭގަނޑެއްގެ 8 ޖެހިތަނާއެވެ.
ދަރިފުޅު އުރައިގެންހުރެ ފިރިމީހާ އެއިރުވެސް އޭނާގެ ފަހަތުން ހިނގައި އާދޭސްކުރިއެވެ. ދަރިފުޅު އެހައިކުޑައިރު އެއްލައިލާފައި ނުދިއުން އެދިގެންނެވެ. ނަމަވެސް އެއަޑު އަނބިމީހާއަށް އިވުނު ކަމަކަށް ނުހެދިއެވެ. މަގުމަތީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރައިގެން ދިއައީއެވެ.
ކާރަށް އަރަމުންވެސް ބުނި ފަހުބަހަކީ "އެއްވެސް ބޭނުމެއް ނުފުދި ފަޤީރު ޙާލުގައި އުޅެއުޅެ ވަރުބަލިވެއްޖެއެވެ." ކާރަށް އރައިގެން ދިއައީ އެންމެ ކުޑަމިނުން ދަރިފުޅަށްވެސް ބަލައިނުލާ ހުރެއެވެ. އެވަޤުތު ފިރިމީހާ ދެއަތް އުފުލައި ދުޢާކުރިއެވެ. "ޔާ ﷲ! މިއަޅާގެ ދަރިފުޅު ބަލައިދޭނެ އަންހެނަކު ދެއްވަވާނދޭވެ!" އާމީން
ދެއަތް ތިރިކޮށްލައި ދަރިފުޅަށް ބޮސްދެމުން ހިނގައިގަތްތަނާ ކުރިމައްޗަށް އެރި އަންހެނަކު ބުންޏެވެ. "ހިނގައި ދިއަ ކަންކަން ލޮލުން ދެކެފީމެވެ. ކުރި ދުޢާވެސް އަޑުއަހައިފީމެވެ. ދަރިފުޅު އަހުރެންގެ އަތަށް ދޭށެވެ."
ދަރިފުޅުގެ ކަންކަން ކޮށްދީ ނިންދަވާފައި ދަމުން ބުންޏެވެ. "ގެއަށް ގޮސް ތައްޔާރުވެލައިގެން އެބަ އަންނަމެވެ. މިރޭ ނިދާނީ ދަރިފުޅާއިއެކު މިގޭގައެވެ. މާދަމާގެ ވާހަކަ ދައްކާނީ މާދަމާއެވެ."
ފިރމީހާ ފަތިސްނަމާދުކޮށްލައިގެން އައިއިރު އެކޮޓަރީގެ ދޮރުހުރީ ހުޅުވައިފައެވެ. ބަލައިލިއިރު އަންހެން މީހާ އިނީ މުސައްލަމަތީގައެވެ. އެހެންވެ ދޮރުގާތްކޮށްލާފައި ގޮސް ގޮނޑީގައި އިށީނީއެވެ.
ކުރުކޮށްލާނަމެވެ. 10 އަހަރު ފަހެވެ. ފިރިމީހާ ފަޤީރުކަމުން ގަދަކަމުން ވަރިވެގެން ދިއަ އަނބިމީހާ ފިރިމީހާގެ ގެއަށް ދިއުމުން ފެނުނީ ކުރިން ހުރި ޖިފުޓިއެއްފަދަ ޢިމާރާތެއް ނޫނެވެ. 15 ބުރީގެ އުސް ޢިމާރާތެކެވެ. ހީކުރީ ބިން ވިއްކައިލީ ކަމަށެވެ. އެހެންވެ އަވަށްޓެރިންނާއި ސުވާލުކުރުމުން ކިޔައިދިނެވެ.
"ކަލޭ ދިއަތަނުން ތަނަވަސް ވަރަށް ރަނގަޅު އަންހެނަކު އިބްރާހީމް އާއި ކައިވެނިކޮށްގެން އޭނާގެ ގެއަށް ގެންދިއައީއެވެ. ތިއަ ޢިމާރާތަކީ އިބްރާހީމަށް އޭނާ އަޅައިދިން ޢިމާރާތެކެވެ. ފްލެޓްތައް ހުންނަނީ ކުއްޔަށް ދީފައެވެ. ދިރިއުޅޭ ބައަކު ނުއެނގެއެވެ. އެދެމަފިރިން ގެއަށް އައިސް އުޅެނީ ވަރަށް މަދުންނެވެ. މިހާރު ދެމަފިރިންގެ ބައިވަރު ދަރިންވެސް ތިބެއެވެ."
އޭނާއަށް ބުނެވުނެވެ. "ނިކަމެތިމިވީ އަހުރެންތާއެވެ. ކުރެވުނު ކުށުގެ ޝަޒާ ދުނިޔޭގައިވެސް ވަރަށް ވަރުގަދައަށް ލިބިއްޖެއެވެ."
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގެ ވަރަށް ކުރުކުރު ޚުލާޞާއެކެވެ. ފިރިމީހާ ފަޤީރުވީމާ އަމިއްލައަށް ވަރިވެގެންދާ އަންހެނުންނަށް ޢިބްރަތަކަށް ފުދޭނެ ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- ޙުސައިން / މިއަދުނޫހުގެ ކިޔުންތެރިއެއް