ފުވައްމުލައް ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތައުޒިއްޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި ހިތާމަވެރި ހާދިސާގެ ޚަބަރު އަޑުއެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ. އަދި ނިޔާވި ކުއްޖާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ. އެމަނިކުފާނު އެ ޕޯސްޓު ނިންމަވާލައްވާފައިވަނީ މަރްޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 2:40 ހާއިރު ފުވައްމުލައް ފުނާޑު، ހުސްނުހީނާ މަގުންނެވެ. އެކްސިޑެންޓު ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑީގައި ޖެހިގެންނެވެ.
ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި ނިޔާވި 17 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ދަންވަރު 3:38 ހާއިރުއެވެ.