ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ ޝަރުތުތައް މުރާޖަޢާކޮށް، ތެލަސީމިއާ ކުދިން ލިބިދާނެ މީހުން ކައިވެނިކުރުމުގެ އުސޫލު ކަނޑައެޅުމަށްޓަކައި ތެލަސީމިއާ ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަޞީރު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްވެފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާޤުންނެވެ. މި އިސްލާހުގެ ދަށުން ތެލަސީމިއާ އެންޑް ހީމޮގްލޮބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް ޤާނޫނުގައި ބަޔާންކުރެވި، ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމުގެ އުސޫލުތައް ކަނޑައެޅިގެންދާނެއެވެ.
އިސްލާހުގައިވާ ގޮތުން، ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަކީ ސިވިލް ސަރވިސްގެ މަޤާމެއްގެ ގޮތުގައި ކަނޑައަޅައި، އެ މަޤާމަށް މީހަކު އައްޔަންކުރާނީ ވަޒީރުގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ލެވެލް 8 ނުވަތަ 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސިއްހީ ދާއިރާގައި 10 އަހަރުގެ ތަޖުރިބާ ހުންނަންޖެހޭނެއެވެ.
ކައިވެނީގެ އުސޫލުތަކާ ގުޅޭގޮތުން، އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ތެލަސީމިއާ ޓެސްޓް ހެދުމަށްފަހު، އޭގެ ނަތީޖާއާއެކު ކައިވެނީގެ ހުއްދައަށް އެދި ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭނެއެވެ. ޓެސްޓުގެ ނަތީޖާއިން ދެ ފަރާތަކީވެސް ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ، އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ކަނޑައަޅާ ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހުގައެވެ.