އެސްޓީއޯގެ އިތުރު ބޭސް ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެސްޓީއޯގެ އިތުރު ބޭސް ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިތުރު ބޭސް ފިހާރައެއް ހުޅުވައިފިއެވެ. "އެސްޓީއޯ ފާމަސީ ސެންޓްރަލް" ގެ ނަމުގައި ހުޅުވާފައިވާ މި ބޭސް ފިހާރަ ހުންނަނީ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރީގައެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބޭސް ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯއިން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މި ބޭސް ފިހާރައަކީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް 2024ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހާމަކުރެއްވި ގޮތަށް ކުރިން އެސްޓީއޯ ސްމާޓް ސްޓޯރ ހިންގަމުން އައި ތަނުގައި ޤާއިމްކުރެވިފައިވާ ފާމަސީއެކެވެ.

އެސްޓީއޯއިން ހާމަކުރެއްވި ގޮތުގައި މި ބޭސް ފިހާރައިން ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒަރ ފަދަ ތަކެތި ލިބެން ހުންނާނެއެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ.

މި ބޭސް ފިހާރަ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދަމު 12:00 އާ ހަމައަށެވެ. މިއީ ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހައެއް ވެގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން