މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސް ދިވެހި ރުފިޔާގެ އަގު ވެއްޓިފައި އޮތީ ކުރީ ސަރުކާރުން ގެންގުޅު ދޯހަޅި ސިޔާސަތްތަކުގެ ދަށުން ފައިސާ ޗާޕުކުރުމުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޯވިޑްގެ ދުވަސްވަރުގައި ކުރީ ސަރުކާރުން ފައިސާ ޗާޕުކޮށްފައިވާއިރު އެވަރަށް ދަރަނިވެސް ނަގާފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހާލަތުން އަރައިގަންނަން ގައުމުތަކުގެ ހިލޭ އެހީ ލިބުނުނަމަވެސް އެ އެހީއަށްވުރެ ދައުލަތުން ކުރި ހަރަދު ދަށްކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ. އަދި ކުންފުނިތަކަށް ނުދީ ހުރި ފައިސާގެ އަދަދު 9.1 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު 125 ބިލިޔަން ރުފިޔާގެ ދަރަނި އުފައްދާފައިވާކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ސަރުކާރުން 8 ބިލިޔަން ރުފިޔާ ޗާޕުކޮށްފައިވެއެވެ.
ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައި އިރު ދައުލަތުގެ ރިޒާވްގައި އެއް ބިލިޔަން ޑޮލަރާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 250 މިލިޔަނަށްވުރެ ގިނަ ޑޮލަރު ހުއްޓެވެ. ނަމަވެސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް ދައުލަތުގެ ބަޖެޓު 28 ބިލިޔަން ރުފިޔާއިން 50 ބިލިޔަން ރުފިޔާއަށް އަރުވާލާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ސަޢީދު ތުހުމަތުކުރެއްވީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ތަކެތީގެ އަގު އުފުލޭ ވާހަކައާއި ކުރިއަށް އޮތް ތަނުގައިވެސް އަގު އުފުލޭނެ ކަމަށް އޭރުގެ ވަޒީރުން މީޑިއާގައި ވިދާޅުވެފައި ހުރިކަން ފެންނަން އެބަހުރި ކަމަށެވެ. ނަމަވެސް އެ ބޭފުޅުންނަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ރުފިޔާގެ އަގު ބަލިކަށިވަމުން ދާކަން ބުނެލަން ނުކެރުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި 2021 2022-2023 މި ދުވަސްކޮޅު ދިވެހި ނޫސްތަކުގައި ތަކެތީގެ އަގު ދިޔާމައި އެދުވަސްކޮޅު ދައްކަވާފައި ހުރި ވާހަކަތައް އެހުރީ. ހެޑްލައިންތަކުގައި ފެންނަން. އެ ބޭފުޅުން އަމިއްލަފުޅައް އެހެރީ ވިދާޅުވެފައި ތަކެތީގެ އަގު އުފުލެޔޭ އަދިވެސް އުފުލޭނޭ ކުރިއަށް އޮތް ތާގައިވެސް އުފުލޭނެ. އޭ ބޭފުޅުން އެއިރު ވިދާޅުވާކަމަށް ނުކެރުނު ފައިސާ ޗާޕު ކުރީމައޭ ރުފިޔާގެ އަގު ބަލިކަށި ވެގެން މިދަނީ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މި ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، "މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން" ގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މުދާ ބަލްކުކޮށް ރައްކާކުރެވޭނެ ގޮތް ހެދުމާއި، މުދާ ފަސޭހައިން ގެނެވޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި، އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދަލުގެ އަގުތައް ހިމެނޭ "އެސެންޝަލް ކޮމޯޑިޓީ އިންޑެކްސް" އެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މިއީ ތަކެތީގެ އަގުތައް ދެނެގަނެ ދުރާލާ ފިޔަވަޅުތަކެއް އެޅުމަށް ކުރާ މަސައްކަތެއް ކަމަށް ވަޒީރު ސިފަކުރެއްވިއެވެ. މި އިންޑެކްސްގައި ޖުމްލަ 162 ބާވަތް ހިމެނޭނެއެވެ. އޭގެތެރޭގައި ކާބޯތަކެއްޗާއި، މޭވާ ތަރުކާރީގެ ބާވަތްތަކާއި، މަހުގެ ބާވަތްތަކުގެ އިތުރުން ހަކަތައިގެ ބާވަތްތައް ހިމެނެއެވެ.
"ރައީސަށް ވެރިކަން ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދީ ހާލަތާއި ރުފިޔާގެ ބަލިކަށިކަމާއި ރާއްޖޭގެ ރޭޓިން ވެއްޓިފައި އޮތްވަރާއި މިސް މެނޭޖްމަންޓާ، ޖުމްލަ ގަވަންސްގެ ދޯހަޅިކަން އައިސް ވާރުތަވިގޮތާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 2018 ގައި ވެރިކަން ހަވާލުވިއިރު އޮތް ހާލަތާއި އުޑާބިމާހާ ތަފާތު އޭރު. ރައީސް މުއިއްޒު އިސްކުރައްވަނީ ކެތްތެރިކަން ދިމާވާހާ ހުރިހާ ގޮންޖެހުމެއްގައި އަދި އިގްތިސާދު ވެސް ހަމަ މަގަށް އެޅުވުމަށް،" ސައީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ދައުލަތަށް އެންމެ ރަނގަޅު އާމްދަނީއެއް ލިބުނު އަހަރެއްގެ ގޮތުގައި 2024 ވަނަ އަހަރު ލިސްޓުކުރެވިފައިވާ ކަމަށާއި، މިހާ ހިސާބަށް އައިރު އަހަރުގެ އާމްދަނީގެ ޓާގެޓުތައް ހާސިލް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، އެއް އަހަރުގެ ތެރޭގައި 108 އާ ފޮރިން އިންވެސްޓްމަންޓް ރަޖިސްޓަރީވެފައިވާކަންވެސް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.