މިހާރު ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންތަކި ނައްތާލައި، ފަރުވާގެ ފެންވަރު އިތުރުކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، ހުޅުމާލޭ ހޮސްޕިޓަލުން ޑޮކްޓަރުން ބިނާކުރުމަށް އިންޓަރންޝިޕް ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެއެވެ.
މި ޕްރޮގްރާމާއެކު ހޮސްޕިޓަލުން ފޯރުކޮށްދޭ ފަރުވާގެ ފެންވަރު އިތުރަށް މަތިވެ، ތަޖުރިބާކާރު ޑޮކްޓަރުންނަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށް ހޮސްޕިޓަލުން ލަފާކުރެއެވެ.
މެޑިކަލް ދާއިރާގައި ފަންނުވެރިން ބިނާކުރުމަށްޓަކައި، އެމް.ބީ.ބީ.އެސް ފުރިހަމަކޮށްފައިވާ ދިވެހި ދަރިވަރުންނަށް އިންޓަރންޝިޕްގެ ފުރުސަތު މަދުވުމަކީ ދިގު މުއްދަތެއްގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ކަންބޮޑުވުމެކެވެ. މިކަމަށް ޙައްލެއް ގެނައުމަށްޓަކައި، ރާއްޖޭގެ ސިއްޙީ ދާއިރާގައި ޓަރޝަރީ ފެންވަރުގެ ޚިދުމަތްދެމުންދާ ހޮސްޕިޓަލުތަކަށް މިހާރުވަނީ އިންޓަރންޝިޕް ޕްރޮގްރާމްތައް ހިންގުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިގޮތުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމް.އެމް.ޑީ.ސީ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތި، ހުރިހާ ޝަރުތެއް ފުރިހަމަކުރުމަށްފަހު ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އަންނަ އާދިއްތަ ދުވަހު އިންޓަރންޝިޕް ޕްރޮގްރާމް ފެށުމަށް ނިންމާފައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރ ޑރ. ޖުމެއިލާ ބޭގަމް ޕީ.އެސް.އެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މިހާރު މި ޕްރޮގްރާމް ކުރިއަށްގެންދަނީ އައިޖީއެމްއެޗްގެ ނޭޝަނަލް ހެލްތުކެއަރ އެކަޑަމީގެ ދަށުން ކަމަށެވެ. ނަމަވެސް، އެ ހޮސްޕިޓަލުގެ އެންމެ ބޮޑު އަމާޒަކީ، އަންނަ އަހަރު މި ޕްރޮގްރާމް ހުޅުމާލޭ ހޮސްޕިޓަލުގެ ރަޖިސްޓްރީގެ ދަށުން ކުރިއަށްގެންދިޔުމަށް ކަމަށް ޑރ. ޖުމެއިލާ ފާހަގަކުރެއްވިއެވެ. މިއީ ހުޅުމާލޭ ހޮސްޕިޓަލަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިކަމުގެ ސަބަބުން ހޮސްޕިޓަލަކީ ފަރުވާދިނުމުގެ އިތުރުން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި ބިނާކުރުމަށް މަގުފަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި 15 ދަރިވަރަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ދެވިފައެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ މިހާރުގެ ޖާގައިގެ ހުދޫދުތަކަށް ބަލާއިރު، މި އަދަދަކީ ދަރިވަރުންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ދިނުމަށް އެންމެ އެކަށީގެންވާ އަދަދުކަމަށް ހޮސްޕިޓަލުން ބުނެއެވެ. މީގެ އިތުރުން، ހުޅުމާލޭ ހޮސްޕިޓަލުގައި މިވަގުތު ނެތް ޚާއްސަ ފަރުވާގެ ދާއިރާތަކުން، އިންޓަރންސްއަށް ބޭނުންވާ ތަޖުރިބާ ހޯދުމަށް އައި.ޖީ.އެމް.އެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުން ފުރުސަތު ހަމަޖައްސާފައިވާކަން ހޮސްޕިޓަލުން ފާހަގަކުރެއެވެ.
އިންޓަރންޝިޕްގެ ފުރަތަމަ އަހަރު ނިމުމަށްފަހު، އެމް.އެމް.ޑީ.ސީއިން ހޮސްޕިޓަލުގެ ޕްރޮގްރާމް އެސެސްކުރާނެއެވެ. އަދި އެ އެސެސްމެންޓަށްފަހު، ހުޅުމާލޭ ހޮސްޕިޓަލުގެ އަމިއްލަ ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށްގެންދިޔުމުގެ ހުއްދަ ލިބިގެންދާނެއެވެ.
އަތޮޅުތެރޭ ބައެއް ހޮސްޕިޓަލްތަކުގެ އިތުރުން މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑީކޭ އިން މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މިހާރު މި ޕްރޮގްރާމްފަށާފައެވެ.