އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. މި ފިޔާ ޝިޕްމަންޓް އެކުންފުނީގެ މައި ފިހާރަ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.
އެސްޓީއޯގެ ޕީޕަލްސް ޗޮއިސުން މިވަގުތު ފިޔާ ކިލޯއެއް ވިއްކަމުންދަނީ 15 ރުފިޔާގެ އަގުގައެވެ. މީގެ އިތުރުން އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް ފިޔާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެއަށް ފިޔާ ގެނައުމަށް ދަތިތަކެއް ދިމާވެފައިވާއިރު، ބާޒާރުގައި ފިޔާގެ އަގު ވަނީ ބޮޑުތަން މައްޗަށް ގޮސްފައެވެ. އެގޮތުން ފިޔާ ކިލޯއެއްގެ އަގު 40 ރުފިޔާއިން މައްޗަށް އުފުލުނު ނަމަވެސް، ފަހުން ކޮންމެވެސް ވަރަކަށް ފިޔާ ލިބެން ފެށުމާއެކު އަގު ވަނީ 20 ރުފިޔާއަށް ދަށްވެފައެވެ.
އާންމު އުސޫލުން ރާއްޖެއަށް ފިޔާ އިމްޕޯޓްކުރަނީ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު، އެސްޓީއޯއިން ދާއިމީކޮށް ފިޔާ ނުގެންނަ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް "އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގައި ދަތިވާ ޙާލަތްތަކުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދޭ" ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ފިޔާ ޝިޕްމަންޓް ގެނައުމާއެކު ބާޒާރުގައި ފިޔާގެ އަގު އިތުރަށް ދަށްވެ، އާންމު ރައްޔިތުންނަށް ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.