ގެދޮރުވެރިޔާ ސްކީމަށް އަލުން ފުރުޞަތު ހުޅުވާލި ކަމަށް ބުނެ، ސްކޭމް މެސެޖެއް ފޮނުވަމުންދާތީ މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސްކޭމް މެސެޖުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ހުށަހަޅާފައިވާ ފޯމުތައް ބާތިލުކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުޞަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިފި ކަމަށެވެ. އަދި މި މެސެޖުގައި ފޯމު ލިބޭނެ ކަމަށް ބުނާ ވެބްސައިޓެއްގެ ލިންކެއްވެސް ވަނީ ހިމަނާފައެވެ.
މިފަދަ ސްކޭމް މެސެޖުތަކަކީ އާންމުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށް ނުވަތަ އަމިއްލަ މައުލޫމާތު ހޯދުމަށް ފޮނުވާ މެސެޖުތަކެއް ކަމަށް ފުލުހުން ވަނީ އިންޒާރު ދެއްވާފައެވެ. އަދި މިފަދަ މެސެޖުތަކުގައިވާ ލިންކުތަކަށް ނުވަންނަން ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދެއްވާފައެވެ.
އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރައްވާފައިވާ ގޮތުގައި، ފަހަކަށް އައިސް ރާއްޖޭގައި ސްކޭމް މައްސަލަތައް ވަނީ އިތުރުވެފައެވެ. އެހެންކަމުން މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި އާންމު ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް އެ ސެންޓަރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ސަރުކާރުގެ އިދާރާތަކުން ފޮނުވާ ރަސްމީ މެސެޖުތައް ފޮނުވާނީ ރަސްމީ ނަންބަރުތަކުން ކަމަށާއި، ޝައްކު އުފެދޭ މެސެޖެއް ލިބިއްޖެނަމަ ކަމާބެހޭ އިދާރާއަކަށް ގުޅައިގެން އެކަން ކަށަވަރު ކުރުމަށްވެސް ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދެއްވާފައެވެ.