ރާއްޖެއަށް ކުރިމަތިވެފައިމިވަނީ މުދައްރިސުން ނުލިބުމުގެ ކާރިސާއަކާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މުދައްރިސުންގެ ދުޅަހެޔޮކަމަށާއި ވަޒީފާގެ ރައްކާތެރިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ވަޒީރު ވިދާޅުވި ގޮތުގައި، އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ފާއިތުވެދިޔަ ކައިރި މާޒީގައި ކޮށްފައި ނުވެއެވެ. އަދި މާލޭގައި ދިރިއުޅުމުގެ އަގާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކޮށް މުދައްރިސްކަން ފަސޭހައިން ކިޔެވޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭކަމަށް ވިދާޅުވިއެވެ.
2023 ވަނަ އަހަރު ނިމުނުއިރު އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން 600 އަށްވުރެ ގިނަ މުދައްރިސުން ބޭނުންވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ގިނަ ދަރިވަރުން ވަނީ ބިކަވެފައިކަން ވެސް ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖުގައި އަންނަ ސެޕްޓެމްބަރު މަހު އެއް އަހަރު ދުވަހުގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި 8 މޮޑިއުލް ކިޔަވައިދޭނެ ކަމަށާއި، މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް 4 ވޯކްޝޮޕެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެއް އަހަރުގެ ޑިޕްލޮމާއަކާއެކު ޓީޗިންގ ކެރިއަރ ފަށައިގެން ކުރިއަށްދިޔަ އެތައް މުދައްރިސުންނެއް މިހާރުވެސް ތިބިކަމަށާއި، އެފަދަ ފަރާތްތަކަކީ ވަރަށް މޮޅު މުދައްރިސުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ބައެއްކަން ވެސް ފާހަގަކުރެއްވިއެވެ.