އދ.އަތޮޅުގެ ފަރަށް އުރުނު ޔޮޓުން ލިބުނު ގެއްލުމާއި ގުޅިގެން 4.8 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އދ.އަތޮޅުގެ ފަރަށް އުރުނު ޔޮޓުން ލިބުނު ގެއްލުމާއި ގުޅިގެން 4.8 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ.އަތޮޅުގެ ފަރަށް ޔޮޓެއް އުރިގެން ލިބުނު ގެއްލުމާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން 4.8 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. 

މި މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓްގެ ލޯކަލް އޭޖެންޓްކަމުގެ ދަށުން ރާއްޖެއަށް އައިސްފައިވާ ޓެމްޕަލް މެރިންގެ "އެމް.ވައި ބިގް ފިޝް" ޔޮޓެވެ. މި ޔޮޓް އދ.އަތޮޅުގެ ފަރަށް އުރިފައިވަނީ އޭޕްރީލް 28 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އައި ދުވަހު، އޭޕްރީލް 29 ގައި ވަނީ ފަރުމަތިން ނަގާފައެވެ.

އީޕީއޭއިން ހާމަކުރި ގޮތުގައި، ފަރަށް ލިބުނު ގެއްލުން ވަޒަންކުރުމަށް ޖޫން 4 ވަނަ ދުވަހު އުޅަނދުގެ ވެރިފަރާތާއި އީޕީއޭ ގުޅިގެން ސަރވޭއެއް ކުރިއެވެ. މި ސަރވޭއިން ދައްކާގޮތުން، ފަރުގެ 187 އަކަމީޓަރުގެ ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ޖޫރިމަނާ ފައިސާ އޯގަސްޓް 4 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދައްކައި ޚަލާސްކުރުމަށް ވަނީ އަންގާފައެވެ.

މި ޖޫރިމަނާ ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ ދަށުންނެވެ. މި ޤާނޫނުގެ ދަށުން ފަރުތަކަށް އުޅަނދުތައް އުރިގެން ލިބޭ ގެއްލުންތަކަށް 100 މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

މިފަދަ ޖޫރިމަނާތަކަކީ ރާއްޖޭގެ ނާޒުކު ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. އަދި މިފަދަ ޖޫރިމަނާތަކުން އުޅަނދުފަހަރުގެ ވެރިންނާއި އޮޕަރޭޓަރުން އިތުރަށް ސަމާލުވެ، ފަރުތަކަށް ގެއްލުން ނުލިބޭނެ ގޮތަށް ދަތުރުކުރުމަށް ބާރުއެޅިގެންދާނެއެވެ.

މިއަދު އޮންލައިން