ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 238 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 238 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 238 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 2.1 އިންސައްތަ އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު ދެ ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑްބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. މިގޮތުން މޯބައިލް ޚިދުމަތްތަކުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި 373 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 0.5 އިންސައްތަ އިތުރު އަދަދެކެވެ.

ނަމަވެސް، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތުން ލިބުނު އާމްދަނީ ވަނީ 0.9 އިންސައްތަ ދަށްވެފައެވެ. މިގޮތުން ދެވަނަ ކުއާޓަރުގައި މި ޚިދުމަތުން 302 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ފުރަތަމަ ކުއާޓަރުގައި 305 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ޖުމްލަ ގޮތެއްގައި، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް 696 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 698 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 0.3 އިންސައްތަ ދަށް އަދަދެކެވެ.

ދިރާގުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި، ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 279 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 2.2 އިންސައްތަ އިތުރު އަދަދެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ލިބުނު 238 މިލިޔަން ރުފިޔާގެ ސާފު ފައިދާއަކީވެސް ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 2.1 އިންސައްތަ އިތުރު އަދަދެކެވެ.

 

މިއަދު އޮންލައިން