ރާއްޖޭގެ ނޫ އިޤްތިޞާދަށް ހިތްވަރުދިނުމުގެ ގޮތުން "ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ" ތައާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރާއްޖޭގެ ނޫ އިޤްތިޞާދަށް ހިތްވަރުދިނުމުގެ ގޮތުން "ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ" ތައާރަފުކޮށްފި

ދިވެހިރާއްޖޭގެ ނޫ އިޤްތިޞާދަށް ހިތްވަރުދިނުމުގެ ގޮތުން "ބްލޫ އިކޮނޮމީ ފައިނޭންސިން ފެސިލިޓީ" މިއަދު ވަނީ ރާއްޖޭގައި ރަސްމީކޮށް ތައާރަފުކޮށްފައެވެ. މި ފެސިލިޓީއަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ތައާރަފުކުރި ފެސިލިޓީއެކެވެ.

ސީއެމްޑީއޭއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފެސިލިޓީ ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ތައާރަފުކޮށްފައެވެ. އިނގިރޭސިވިލާތު ސަރުކާރުގެ އެހީތެރިކަމާއެކު ފަރުމާކުރެވިފައިވާ މި ފެސިލިޓީގެ އަމާޒަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާ ހޯދުމަށް މަގުފަހިކޮށްދިނުމެވެ.

މި ފެސިލިޓީގެ މައިގަނޑު އަމާޒަކީ މަސްވެރިކަން، ފަތުރުވެރިކަން އަދި ކަނޑުފަޅުގެ ވިޔަފާރިތަކާއި ޚިދުމަތްތަކުގެ ތެރެއިން "ވެލިއު އެޑެޑް އެންޑް ސަސްޓެއިނަބިލިޓީ އޮރިއެންޓެޑް" ވިޔަފާރިތަކަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމެވެ. މި ފެސިލިޓީ މެދުވެރިކޮށް ބޭންކުތަކާއި ޕްރިންސިޕަލް އެޑްވައިޒަރުންނާއި މާލީ ޚިދުމަތްދޭ ފަރާތްތަކުން ވިޔަފާރިތަކަށް ފަންޑު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެއެވެ.

ސީއެމްޑީއޭއިން ފާހަގަކުރައްވާފައިވާ ގޮތުގައި، މި ފެސިލިޓީގެ ތެރެއިން ވިޔަފާރިތަކަށް ހެޔޮ އަގުގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އެގޮތުން، އެފަދަ ކުންފުނިތަކުގެ ޚަރަދުން ކަނޑައެޅިފައިވާ މިންވަރެއް ކަށަވަރުކޮށްދެވޭނެއެވެ.

"ރާއްޖެއަށް މި ފެސިލިޓީ ތައާރަފުކުރުމަކީ ރާއްޖޭގައި ވަރުގަދަ މާލީ އޮނިގަނޑެއް ބިނާކުރުމުގައި ކެޕިޓަލް މާކެޓުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ސީއެމްޑީއޭއިން ވިދާޅުވިއެވެ.

ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށްވާ ބްލޫ އިކޮނޮމީ ނުވަތަ ނޫ އިޤްތިޞާދަކީ އިޤްތިޞާދީ ކުރިއެރުމާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ވަޒީފާތައް އިތުރުކުރުމަށްޓަކައި ކަނޑުފަޅުގެ ޤުދުރަތީ ވަސީލަތްތަކާއި މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އިސްކަންދޭ ސިޔާސަތެކެވެ.

މިއަދު އޮންލައިން