އުރީދޫ އާއި ހަބޭސް ބޮޑުބެރު ގުޅިގެން ހިލޭ ބޮޑުބެރު ކްލާސްތަކެއް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އުރީދޫ އާއި ހަބޭސް ބޮޑުބެރު ގުޅިގެން ހިލޭ ބޮޑުބެރު ކްލާސްތަކެއް ފަށަނީ

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ކަމުގައިވާ މަޝްހޫރު ހަބޭސް ބޮޑުބެރާ ގުޅިގެން 4 ހަފުތާގެ ހާއްސަ ބޮޑުބެރު ކްލާސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްސްކްލޫސިވް ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަގާފަތުގެ މުއްސަނދި ތަރިކައެއް ކަމުގައިވާ ބޮޑުބެރުގެ ވައްޓަފާޅި، ހަބޭސް ބޮޑުބެރުގެ ހުނަރުވެރި އިރުޝާދުގެ ދަށުން ބައިވެރިންނަށް ދަސްކޮށްދިނުމެވެ. މި ކްލާސްތައް ކުރިއަށްދާނީ އޮގަސްޓް 16، 23، 30 އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު، ރޭގަނޑު 8:00 އިން 11:00 އަށް، އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގެ 4 ވަނަ ފަންގިފިލާގައެވެ.

މި ކްލާސްތަކުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށާއި، ގިނަވެގެން 20 ބައިވެރިންނަށް ފުރުސަތު ދެވޭނެ ކަމަށް އުރީދޫއިން ވަނީ ހާމަކޮށްފައެވެ. ކްލާސްތަކުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާ ކަމަށާއި، ބައިވެރިވެވޭނީ އެންމެ ފުރަތަމަ ރަޖިސްޓަރކުރާ 20 ފަރާތަކަށް ކަމަށްވެސް ވަނީ ބުނެފައެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން މަޢުލޫމާތު ދެމުން ބުނީ، "އުރީދޫ ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ދެމުންދާތާ 20 އަހަރު ފާހަގަކުރަމުންދާއިރު، މި ބޮޑުބެރު ކުލާހަކީ އުރީދޫއިން ދިވެހި ތަރިކައަށް އަދި ދިވެހިވަންތަ ކަންކަން ކުރިއެރުވުމަށްދޭ އަހަންމިއްޔަތު ފާހަގަކުރެވޭ ކަމެކެވެ" ކަމަށެވެ.

މި ކްލާސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 16 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން http://ore.do/boduberuclass އަށް ޒިޔާރަތްކޮށް ރަޖިސްޓަރކުރެވޭނެއެވެ. ބައިވެރިންނާ މުއާމަލާތްކުރެވޭނީ ރަޖިސްޓްރީކުރުމަށް ބޭނުންކުރާ ފޯނު ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށް އުރީދޫއިން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން