ޒަކާތު ފަންޑު މެދުވެރިކޮށް ހަމަޖައްސައިދޭ ސްކޮލަރޝިޕަށް އެދި 29 ފަރާތަކުން ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޒަކާތު ފަންޑު މެދުވެރިކޮށް ހަމަޖައްސައިދޭ ސްކޮލަރޝިޕަށް އެދި 29 ފަރާތަކުން ހުށަހަޅައިފި

ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ހަމަޖައްސައިދެއްވާ ސްކޮލަރޝިޕަށް އެދި 29 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސްކޮލަރޝިޕްގެ ފުރުޞަތު މިދިޔަ އޭޕްރީލް މަހު ހުޅުވާލުމަށްފަހު، މެއި 29 ގައި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، މަތީ ތަޢުލީމް ހާސިލްކުރުމަށްދޭ ސްކޮލަރޝިޕަށް 18 އެޕްލިކޭޝަނާއި ޚާއްސަ ސްކޮލަރޝިޕަށް 11 އެޕްލިކޭޝަން ލިބިފައިވެއެވެ.

ޒަކާތު ފަންޑުން މިފަހަރު ހުޅުވާލާފައިވަނީ ޖުމްލަ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތަކީ ރާއްޖޭގައި ކިޔެވުމަށް ހުޅުވާލެވިފައިވާ ފުރުޞަތުތަކެވެ. އަދި 30 ފުރުޞަތަކީ މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުގައި ކިޔެވުމަށް ހުޅުވާލެވިފައިވާ ފުރުޞަތުތަކެވެ.

ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 30 ފުރުޞަތުގެ ތެރެއިން 13 ފުރުޞަތަކީ ޚާއްސަ ސްކޮލަރޝިޕްގެ ފުރުޞަތުތަކެވެ. މި ފުރުޞަތުތައް ހުޅުވާލާފައިވަނީ މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީއާއި ސަޢުދީ ޢަރަބިއްޔާގެ އެކި ޔުނިވަރސިޓީތަކުގައި ކިޔެވުމަށެވެ.

މީގެ އިތުރުން، މެޑިކަލް ދާއިރާގެ ސުޕަރ ސްޕެޝަލިސްޓުން ތަމްރީނުކުރުމަށް ޔޫރޮލޮޖީ، ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީގެ ދާއިރާތަކުން ކޮންމެ ދާއިރާއަކަށް އެއް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި އިސްލާމީ ޝަރުޢީ ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި 10 ފުރުޞަތު ވަނީ ކަނޑައަޅާފައެވެ.

މިއަދު އޮންލައިން