ބ. އަތޮޅުގެ ދެ ރަށެއްގެ ޞިއްޙީމަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިގޮތުން ބ.ހިތާދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތާއި ދޮންފަނު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވުނެވެ.
މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާޢިލް ޢަބްދުﷲ އެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ. މި ރަސްމިއްޔާތުގައި ދާއިރާގެ މެންބަރު މުޙައްމަދު ސިރުޙާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބ.ހިތާދޫ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތަކީ 33.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން އައު ވޯޑެއް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޖަރ ރޫމް، ލޯންޑްރީ އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ.
ދޮންފަނު ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތަށް 12.1 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މި މަސައްކަތް 545 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން އައު ވޯޑެއް، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޖަރ ރޫމް، ގަރާޖް، ސްޓޯރ ރޫމް، ޕޯޓިކޯ އަދި ވަށާފާރު އިތުރުކުރެވިގެންދާނެއެވެ.
މި ދެ މަޝްރޫޢު ނިމުމުން ބ. އަތޮޅުގެ ދެ ރަށެއްގެ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.