ސަރުކާރާ ދެކޮޅަށް ޕީއެންސީގެ މެންބަރުން ޚިޔާލުފާޅުކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް: ފަލާޙު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
ސަރުކާރާ ދެކޮޅަށް ޕީއެންސީގެ މެންބަރުން ޚިޔާލުފާޅުކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް: ފަލާޙު

ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމެއްގައި ބައެއް މެންބަރުން ސަރުކާރާ ދެކޮޅަށް ޚިޔާލުފާޅުކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

ފަލާޙު މިފަދައިން ވިދާޅުވެފައިވަނީ، އެމްޑީއޭގެ ޕީޖީ ގްރޫޕްގެ މެންބަރު އަދި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް، ޕީއެންސީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި ބައެއް މެންބަރުން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޚިޔާލުފާޅުކޮށްފައިވާކަމަށް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މި މައްސަލައާ ގުޅިގެން މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ފަލާޙު ވިދާޅުވެފައިވަނީ، "މިފަދަ ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއްކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށް ހީއެއް" ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ "ތިމާއަކީ އެއްވެސް އަޚްލާޤެއް ނެތް މީހެއްކަން" ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، ޢައްބާސް އިޝާރާތްކުރެއްވި ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އެ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

މީގެއިތުރުން، ޕީއެންސީ ޕީޖީގެ ސީނިއަރ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެފައިވަނީ، ޕީއެންސީގެ ޕީޖީ ގުރޫޕާ ގުޅުވައިގެން އެހެން ޕާޓީއެއްގެ މެންބަރެއް ދައްކަވަމުންގެންދަވަނީ ޙަޤީޤަތާ ޚިލާފު، އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން ޕީއެންސީގެ ޕީޖީ ގުރޫޕު ބަލިކަށިކުރެވޭނެކަމަށް ދެއްކުމަކީ މޮޔަކަމެއްކަމުގައިވެސް ޝުޖާޢު ވިދާޅުވެފައިވެއެވެ.

ފަލާޙު އިތުރަށް ވިދާޅުވެފައިވަނީ، ޕީއެންސީގެ ޕީޖީ ގުރޫޕު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކަމާއެކު ކަމަށާއި، ކިތަންމެ ނުބައި ޕްލޭންތަކެއް ރޭވި ކަމުގައިވިޔަސް، އަދި ދޮގު ވާހަކަތައް ފެތުރިކަމުގައިވިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

މިއަދު އޮންލައިން