އަސާސީ ޚިދުމަތްތަކުގެ އަގުތައް %2.99 ދަށަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އަސާސީ ޚިދުމަތްތަކުގެ އަގުތައް %2.99 ދަށަށް!

ޤައުމީ ތަފާސްހިސާބާ ބެހޭ އިދާރާއިން ނެރެފައިވާ ކޮންސިއުމަރ ޕްރައިސް ރިޕޯޓުން ދައްކާގޮތުގައި، އަސާސީ ޚިދުމަތްތަކުގެ އަގުތައް ވަނީ %2.99 އަށް ދަށަށް ގޮސްފައެވެ. މި ރިޕޯޓު އެކުލަވާލާފައިވަނީ މިއަހަރުގެ ޖޫންމަހުން ފެށިގެން ފާއިތުވެދިޔަ 12 މަސްދުވަހުގެ ތަފާސްހިސާބުގެ މައްޗަށް ބިނާކޮށެވެ.

އަސާސީ ޚިދުމަތްތަކުގެ އަގުތައް މައިގަނޑު ގޮތެއްގައި ދަށަށް ގޮސްފައިވަނީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލާއި ކަރަންޓްގެ އަގު ހެޔޮވުމުގެ ސަބަބުން ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް މިދިޔަ ޖޫން މަހު ކަރަންޓުގެ އަގުން %3.18 ދަށަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ނަމަވެސް، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބައެއް ދާއިރާތަކުން އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. މިގޮތުން އެންމެ ބޮޑު އަގު ބަދަލެއް އައިސްފައިވަނީ ދުންފަތުގެ ބާވަތްތަކަށެވެ. ދުންފަތުގެ ބާވަތްތަކުގެ އަގުތައް %55.94 އަށް މައްޗަށް ގޮސްފައިވާއިރު، ރެސްޓޯރެންޓާއި ހޮޓާތަކުން ދޭ ޚިދުމަތްތަކުގެ އަގުތައް ވަނީ %29.26 އަށް އުފުލިފައެވެ.

ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އަކީ ރާއްޖޭގައި މީހުން އާންމުކޮށް ބޭނުންކުރާ ތަކެއްޗާއި ޚިދުމަތްތަކުގެ އަގަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ. މި މިންގަނޑަކީ އިންފްލޭޝަން ރޭޓް ދެނެގަތުމަށާއި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ ސިޔާސަތުތައް ދިރާސާކުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ.

ސީޕީއައި ހިސާބުކުރުމުގައި ބަލަނީ އާންމު ގޭބީސީއަކުން ގަންނަ މުދަލުގެ ބާސްކެޓެއްގެ އަގަށް އަންނަ އެވްރެޖް ބަދަލަށެވެ. މި މިންގަނޑު އަޕްޑޭޓްކުރެވެމުންދަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި، މީހުންގެ އާންމު ޚަރަދުތަކަށް އަންނަ ބަދަލުތައް ހިމެނޭގޮތަށެވެ.

މިއަދު އޮންލައިން