މާލެ ނޯތު ހާބަރަށް ގެންނަ ކޮންމެ ބަދަލެއް ގެންނާނީ އެތަން ބޭނުންކުރާ މަސްވެރިންގެ ލަފަޔާއި އިރުޝާދާއެކުކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ޖޫން މަހުގައި އެމްޕީއެލްއާ ހަވާލުކުރެވުނު މި ސަރަހައްދުގައި ހިމެނެނީ މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށި ހަމައަށެވެ. އެމްޕީއެލްއިން ވަނީ މި ސަރަހައްދު ހަވާލުވުމާއެކު މަސްވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ.
މަސްވެރިންނާއެކު ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވި ގޮތުގައި، "މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސްވެރިންނާއި ގުޅިގެން މަސައްކަތް ކުރާނެ" އެވެ. އަދި ފެން، ކަރަންޓު، އައިސް އަދި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މުޅިން ހައްލުވާނީ 2027 ވަނަ އަހަރުގެ ނިޔަލަށް ކަމަށް ރިޝްވާން ވިދާޅުވިއެވެ. ނަމަވެސް އޭގެ ކުރިން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ޤާއިމްކޮށް، ޖާގައިގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނު ވިދާޅުވި ގޮތުގައި، ނޯތު ހާބަރ ޒޯން އެޗްގައި ރަށްރަށުން އަންނަ މަސް އުޅަނދުފަހަރަށް ޚާއްސަ 2 ޖާގަ ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި ނޯތު ހާބަރު ތެރޭގައި ބިދޭސީންނަށް ވިޔަފާރިކުރުމުގެ ފުރުސަތު ނުދިނުމަށާއި، މި ޒޯންތަކަށް މުދާ ވެއްދުމުން ފިޔަވަޅު އެޅޭނެ ކަމަށްވެސް އެމްޕީއެލްއިން ވަނީ އިއުލާނުކޮށްފައެވެ.