މިހާތަނަށް 640 ފަރާތަކާއެކު ފްލެޓު ލިބުނު އެއްބަސްވުން އެކުލަވާލާފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
މިހާތަނަށް 640 ފަރާތަކާއެކު ފްލެޓު ލިބުނު އެއްބަސްވުން އެކުލަވާލާފައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 640 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލައި ނިންމާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން ވަނީ ޖުމްލަ 2،665 ފަރާތެއްގެ ނަން އެއްބަސްވުން އެކުލަވާލުމަށްޓަކައި އެފްޑީސީއަށް ފޮނުވާފައެވެ. މި މަސައްކަތް ފެށިފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައެވެ.

އެފްޑީސީން ބުނާ ގޮތުގައި ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ހުރިހާ ފަރާތަކާއެކުވެސް އެއްބަސްވުން އެކުލަވާލުމަށް ވަނީ ރޭވިފައެވެ. މި މަސައްކަތް އަވަސްކުރުމަށްޓަކައި ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް ލިޔެކިޔުންތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މި މަސައްކަތް އަވަސްކުރުމަށްޓަކައި އެފްޑީސީން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ފޮނުވާ ލިސްޓްގެ މަޢުލޫމާތުތައް އަވަހަށް ޕްރޮސެސްކުރުމާއި، ސޮއިކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ޕޯޓަލަށް އެޅުމުގެ މުއްދަތު ކުރުކުރުމާއި، މި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު އިތުރުކޮށް، އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެފްޑީސީން ބުނެއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ސިންތެޓިކް ޓްރެކް ސަރަހައްދުގައި 10 ވަރަކަށް ކައުންޓަރުން މިހާރު ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.

މިއަދު އޮންލައިން