މުޅި ޣައްޒާ ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ނަތަންޔާހޫ ނިންމި ނިންމުން ރައީސް ކުށްވެރިކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
މުޅި ޣައްޒާ ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ނަތަންޔާހޫ ނިންމި ނިންމުން ރައީސް ކުށްވެރިކުރައްވައިފި

މުޅި ޣައްޒާ ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމި ނިންމުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ޔަހޫދީން ފަލަސްޠީނުގައި ހިންގާ ޤަތުލުޢާންމަކީ ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފަށް ހިންގާ ޢަމަލުތަކެއް ކަމަށެވެ. އަދި މި ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅިފައިވާކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ، މިއީ ޔަހޫދީން މިހާރު ހިފާފައިވާ ސަރަހައްދުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު ހިތާމައެއް ލިބި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ހަމަޖެހުމަށް ހުރަސްއެޅޭ ނިންމުމެއް ކަމަށެވެ.

"ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްޠީނުގެ މުސްލިމުންނާއެކު" ކަމަށް ރައީސް ވިދާޅުވެ، ފަލަސްޠީނުގެ މިނިވަންކަމާއި ސިޔާދަތަށް ހުރަސް އެޅި، ޣައްޒާގެ ބާރުވެރިކަން ހޯދުމަށް ޔަހޫދީންކުރާ އެއްވެސް ޢަމަލެއް ބަލައި ނުގަންނާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޣައްޒާގެ ބާރުވެރިކަން ހޯދުމަށް ޔަހޫދީން ހިންގާ ޢަމަލުތައް ހުއްޓުވައި، ހިންގާފައިވާ ޖަރީމާތަކަށް ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެއެވެ.

މިއަދު އޮންލައިން