ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ޤައުމީ ދުވަހާ ގުޅިގެން އެ ޤައުމުގެ އިސްވެރިންނާއި ރައްޔިތުންނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މި ތަހުނިޔާގެ މެސެޖު ރައީސް މުޢިއްޒު ވަނީ މީސްމީޑިޔާގައި ހިއްސާކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އަށް ޚާއްސަ ތަހުނިޔާއެއް ފޮނުއްވާފައިވެއެވެ. އަދި ސިންގަޕޫރުގެ އެންމެހާ ރައްޔިތުންނަށްވެސް ހޫނު ތަހުނިޔާ ރައްދުކުރައްވާފައިވެއެވެ.
ތަހުނިޔާގެ މެސެޖުގައި ރައީސް މުޢިއްޒު ވަނީ ސިންގަޕޫރުގެ ކުރިއެރުމުގެ މައިގަނޑު ސިފައެއްގެ ގޮތުގައި އެ ޤައުމުގައި އޮންނަ ސުލްހަމަސަލަސްކަމާއި ފާގަތިކަން ފާހަގަކުރައްވާފައެވެ. އަދި މި މުހިންމު ސިފަތައް އަބަދުވެސް އެގޮތުގައި ދެމިއޮތުމަށް އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ދެ ޤައުމަށް ފައިދާހުރި ގުޅުމަކަށް ބަދަލުވެގެން ގޮސްފައިވާކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ. މި ގުޅުމަކީ ދެ ޤައުމުގެ ތަރައްޤީއަށް މަގުފަހިކޮށްދޭ ގުޅުމެއްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ސިންގަޕޫރަކީ ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ، އަދި ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. ޚާއްސަކޮށް ތަޢުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ވަރަށް ބަދަހިކަން ފާހަގަކުރެވެއެވެ.