އަހަރެއްހާ ދުވަހުގެތެރޭ 108 ބޭރުގެ އިންވެސްޓެމެންޓު ރާއްޖެއަށް ގެނެވިއްޖެ: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އަހަރެއްހާ ދުވަހުގެތެރޭ 108 ބޭރުގެ އިންވެސްޓެމެންޓު ރާއްޖެއަށް ގެނެވިއްޖެ: ވަޒީރު ސަޢީދު

އަހަރެއްހާ ދުވަހުގެތެރޭ 108 ބޭރުގެ އިންވެސްޓެމެންޓު ރާއްޖެއަށް ގެނެވިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، ވަޒީރު ސަޢީދު ވަނީ 2007 އިން ފެށިގެން މިހާތަނަށް ރާއްޖެއަށް ލިބިފައިވާ އިންވެސްޓްމަންޓުތަކުގެ ތަފާސްހިސާބުތައް ހާމަކުރައްވާފައެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، 2007 އިން 2013 އަށް 206 އިންވެސްޓްމަންޓް، 2013 އިން 2018 އަށް 403 އިންވެސްޓްމަންޓް، އަދި 2018 އިން 2023 އަށް 398 އިންވެސްޓްމަންޓް ރަޖިސްޓްރީ ކުރެވިފައިވެއެވެ.

"މީގެ ތެރެއިން އެންމެ ރަނގަޅު އަހަރަކީ 2013 އިން 2018 އަށް ކަމަށް ބަލަމާ، 403 ގާތްގަނޑަކަށް. ފަސް އަހަރަށް ބަލާއިރު އަހަރަކު 81 ފޮރިން އިންވެސްޓްމެންޓު މިއިންނަނީ. ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު 108 ފޮރިން އިންވެސްޓެމެންޓު މިއިންނަކީ އަހަރެއްގެ ތެރޭގައި. މިއީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ،" ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

އަދުގެ ސަރުކާރުން މިހާތަނަށް 6 ޤައުމެއްގައި ބިޒްނަސް ފޯރަމްތަކެއް ބާއްވާފައިވެއެވެ. މީގެ ތެރޭގައި ޗައިނާ، ޔޫއޭއީ، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި އިންގިރޭސިވިލާތް ހިމެނެއެވެ. ޚާއްޞަކޮށް އިންޑިއާގެ 3 ސިޓީއެއްގައި ފޯރަމް ބޭއްވިފައިވާކަން ފާހަގަކުރެވެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، މި ފޯރަމްތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރުމަށް މަޢުލޫމާތު ހޯދާ ފަރާތްތަކާއި އިންވެސްޓްމަންޓުތައް ރަޖިސްޓަރ ކުރާ ފަރާތްތައް ވަނީ އިތުރުވެފައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން