ހދ. ނޭކުރެންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެރަށަށް ގެންދިޔަ 400 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފިކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އާބާދީ ކުދި ރަށްރަށާއި، އާބާދީ ބޮޑެތި ސިޓީތަކުގައިވެސް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް އައު އިންޖީނުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފެނަކައިން ބުނެފައިވެއެވެ.
ނޭކުރެންދޫގައި އިތުރުވަމުންދާ އާބާދީއާ ގުޅިގެން ކަރަންޓަށް އޮންނަ ޑިމާންޑު އިތުރުވަމުންދާކަމަށާއި، މިހާރު އިންސްޓޯލްކޮށްފައިވާ 400 ކިލޯވޮޓުގެ އައު ޖެންސެޓާއެކު އެރަށުގެ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރާކަމަށް ފެނަކައިން ފާހަގަކޮށްފައިވެއެވެ.
ފެނަކައިން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި އައު ޖެންސެޓް ނޭކުރެންދޫއަށް ގެންގޮސްފައިވަނީ ނިމިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ކުރެވުނު މަސައްކަތުން މިހާރުވަނީ އެ ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށިފައެވެ.
ފެނަކައިން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ކުންފުނިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދާނެކަމަށެވެ.