"އެމްޕަވަމަންޓް ހަބް" ތައްޔާރުކުރެވިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޝަވަރާއާއި އެކު: ސްޓޭޓް މިނިސްޓަރ އާތިފް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 47ސ
"އެމްޕަވަމަންޓް ހަބް" ތައްޔާރުކުރެވިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޝަވަރާއާއި އެކު: ސްޓޭޓް މިނިސްޓަރ އާތިފް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ޖާގައެއް ހޯދައިދިނުމުގެ ގޮތުން ދިވެހިރާއްޖޭގައި މުޅިން އަލަށް ޚިދުމަތް ދޭންފަށާ 'އެމްޕަވަމަންޓް ހަބް' އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކުވެސް މަޝްވަރާކުރެވިގެން ޑިޒައިން ކުރެވިފައިވާ ތަނެއްކަމުގައި މި ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް މި ވުޒާރާއިން ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ވުޒާރާއާއި، ފަހިދިރިއުޅުން ކޯޕަރޭޝަން އަދި ޒަކާތު ފަންޑް ގުޅިގެން ތައްޔާރުކުރެވޭ އެމްޕަވަމަންޓް ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާވެސް މަޝްވަރާކުރެވިގެން، ތަފާތު ކަންކަމަށް ރިޢާޔަތްކުރެވިގެން ތައްޔާރުކުރެވެމުންދާ ތަނެއްކަމުގައި ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން، އެމްޕަވަަމަންޓް ހަބްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމުގެ އިތުރުން، އެތަނުގައި ކުރިއަށް ގެންދެވޭނެ ތަފާތު ޕްރޮގްރާމްތައްވެސް ވެގެންދާނީ މި މަސައްކަތްތަކުގައި އަމަލީގޮތުން ޝާމިލުވެ އުޅުއްވާ ޖަމުޢިއްޔާތަކާއެކު މަޝްވަރާކުރެވިގެން ކުރިއަށްދެވޭ ޕްރޮގްރާމްތަކެއްކަމުގައި ސްޓޭޓް މިނިސްޓަރ އާތިފް ވިދާޅުވިއެވެ.

"ފާހަގަވާ އެއްކަމަކީ މި މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކުން އަޅުގަނޑުމެންނާއި ވަރަށް ގާތުން މަސައްކަތްކުރީ، ޑިޒައިންއާއި ޚިދުމަތްތަކަށް ބަދަލުތައް ގެނެސްފައިވާނީ އެބޭފުޅުންގެ ޚިޔާލާއި އެކުގައި. މަޤުސަދަކީ ހަބްގެ ޚިދުމަތް ދޭން ފެށުމުންވެސް މި ޖަމުޢިއްޔާތަކާއި ގުޅިގެން ޕްރޮގްރާމްތައް ހިންގުން" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ޖުމްލަ 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުމާލެ ފޭސް 2 ގައި ހުޅުވޭ މި ހަބްގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭ އަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް، އާންމުންނަށް ވިއްކުމަށް ހުޅުވޭ ފިހާރައެއްވެސް ހިމެނެއެވެ. އަދި ހަބްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަމާއި ގުޅުންހުރި އަދި ހުނަރު ތަރައްޤީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް، ތިން ވޯރކްޝޮޕް ޖާގައެއްގެ އިތުރުން، ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއް ހިމެނެއެވެ. މީގެއިތުރުން، ހަބްގައި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމް އަދި މަލްޓި މީޑިއާ ރޫމް އެއް ހުންނާނެއެވެ.

މިތަނުގެ ޚިދުމަތްތައް އަމާޒުކުރެވިފައިވަނީ 40-18 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންނަށެވެ.

އުންމީދަކީ، މި މަސައްކަތުގެ ތެރެއިން، ގިނަ ބަޔަކަށް ވިޔަފާރި ކުރުމުގެ ފުރުޞަތު ހުޅުވިގެންދިއުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުޞަތުތައްވެސް އިތުރުވެގެންދިއުމެވެ. ހަމަމިއާއެކު، މި މަރުކަޒުގެ ޒަރިއްޔާއިން ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، އިޖުތިމާޢީ ޒިންމާ އަދާކުރުމަށް ހިތްވަރު ލިބިގެންދިއުމެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން