އަލަށް އަމަލުކުރަން ފެށި ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މުޅިން އަލަށް 34 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
"މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ޤަވައިދު" ގެ ދަށުން ދޫކޮށްފައިވާ ލައިސަންސްތަކުގެ ތެރޭގައި ޓިއާ 1 ލައިސަންސް 29 ފަރާތަކަށް އަދި ޓިއާ 2 ގެ ލައިސަންސް 5 ފަރާތަކަށް ދޫކޮށްފައިވާކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ. މި ލައިސަންސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
އެމްއެމްއޭ އިން މަޢުލޫމާތު ދެއްވިގޮތުގައި ޓިއާ 1 ކެޓަގަރީގެ ލައިސަންސަކީ ބޭރުފައިސާ ގަނެ ވިއްކުމުގެ ޚިދުމަތް ދިނުމަށް ދޫކުރެވޭ ލައިސަންސެވެ. އަދި ޓިއާ 2 ލައިސަންސަކީ ހަމައެކަނި ރިސޯޓުތަކަށް ބޭރުފައިސާ ވިއްކުމުގެ ޚިދުމަތް ދިނުމަށް ދޫކުރެވޭ ލައިސަންސެކެވެ.
އަލަށް ލައިސަންސް ދޫކުރެވުނު 34 ފަރާތުގެ އިތުރުން، ކުރިން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 28 ފަރާތަކަށް ވިޔަފާރި ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅާފައިވާކަމަށް އެމްއެމްއޭ އިން ފާހަގަކުރެއްވިއެވެ. މިއާއެކު ޖުމްލަ 62 ފަރާތަކަށް ވަނީ ލައިސަންސް ދޫކުރެވިފައެވެ.
އެމްއެމްއޭ އިން އަލަށް ތަޢާރަފުކޮށްފައިވާ މި ގަވާއިދަކީ 1987 އިން ފެށިގެން އަމަލުކުރަމުން އައި ގަވާއިދުގެ ބަދަލުގައި އަމަލުކުރަން ފަށާފައިވާ އައު ގަވާއިދެކެވެ. މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ބެލެހެއްޓުން އިތުރަށް ހަރުދަނާކޮށް، ޒަމާނީ އުސޫލުތަކެއްގެ މަތިން މި ވިޔަފާރި ކުރިއަށް ގެންދިއުމެވެ.