މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސަރުކާރުގެ އެހީގައި މިވަގުތު 10،000 އަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ޙާސިލުކުރަމުން ގެންދެއެވެ.
ސަރުކާރުން މަތީ ތަޢުލީމު ހާސިލުކުރުމަށް އެހީތެރިވެދެނީ ތިން ގޮތަކަށެވެ. އެއީ ކިޔެވުމަށް ލޯނު ދިނުމާއި، ސްކޮލަރޝިޕް ދިނުމާއި އަދި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ޚަރަދުކުރުމެވެ. މިގޮތުން 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދަރިވަރުންގެ ލޯނު ސްކީމަށް 1.01 ބިލިއަން ރުފިޔާ، ސްކޮލަރޝިޕްތަކަށް 350 މިލިއަން ރުފިޔާ އަދި ހިލޭ ޑިގްރީ ޕްރޮގްރާމަށް 250 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ލޯނު އެހީގެ ދަށުން މިހާރު ރާއްޖެ ހިމެނޭގޮތަށް 40 ޤައުމެއްގައި 1،676 ދަރިވަރުން ކިޔަވަމުން ގެންދާއިރު، 2024 އިން ފެށިގެން މިހާތަނަށް 1،159 ދަރިވަރުން ވަނީ ލޯނު އެހީގައި ކިޔަވަން ފަށާފައެވެ. އަދި މި މުއްދަތުގައި 964 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެއިތުރުން 2،051 ދަރިވަރަކަށް ކިޔެވުމަށް ލޯނު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން މިވަގުތު ރާއްޖެ ހިމެނޭގޮތަށް 20 ޤައުމެއްގައި 607 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އަދި 2024 އިން ފެށިގެން މިހާތަނަށް 268 ދަރިވަރުން ސްކޮލަރޝިޕްގައި ކިޔަވަން ފަށާފައިވާއިރު، 357 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި 1،177 ދަރިވަރަކަށް ސްކޮލަރޝިޕް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިވަގުތު 8،357 ދަރިވަރުން ކިޔަވަމުން ގެންދާއިރު، 2024 އިން ފެށިގެން މިހާތަނަށް 4،300 ދަރިވަރުން ވަނީ މި ޕްރޮގްރާމްގައި ރަޖިސްޓްރީވެފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ކިޔެވި 5،568 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.