"ޕްރިފަރެންޝަލް ޓްރޭޑް" އެއްބަސްވުމަށް 2 މަހެއްހާ ދުވަހުގެ ތެރޭގައި އަމަލުކުރަން ފެށޭނެ: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
"ޕްރިފަރެންޝަލް ޓްރޭޑް" އެއްބަސްވުމަށް 2 މަހެއްހާ ދުވަހުގެ ތެރޭގައި އަމަލުކުރަން ފެށޭނެ: ވަޒީރު ސަޢީދު

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެފައިވާ "ޕްރިފަރެންޝަލް ޓްރޭޑް" އެއްބަސްވުމަށް ކުރިއަށްއޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި އަމަލުކުރަން ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން އެންޑޯޒްކުރުމުންނެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހުއެވެ.

"ތުރުކީގެ އޮފިޝިއަލް ވިޒިޓްއަށްފަހު ޕްރިފަރެންޝަލް ޓްރޭޑް އެރޭންޖްމަންޓެއް އެއޮތީ ހެދިފައި. ތުރުކީ ޕާލަމަންޓްއިން އެންޑޯޒްކުރީމައި މި ޕީޓީއޭ އެކްޓިވް ވެގެން އަންނާނެ. ލަފާކުރެވޭ ގޮތުގައި 1 ނުވަތަ 2 މަސް ތެރޭގައި އެކަން ހަމަޖެހިގެން އަންނާނެ," ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން 90 މިލިޔަން މީހުންގެ މާކެޓަކަށް ވަނުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވިގެންދާނެކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ޔޫރަޕުގެ މާކެޓަށް ދިވެހިން ވަނުމަށް އެޅިގެންދިޔަ ފާލަމެއްގެ ގޮތުގައިވެސް ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

އެއްބަސްވުމުގެ ދަށުން ތުރުކީވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދައިދިނުމުގެ އިތުރުން، ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަވެގެންދާނެއެވެ. މީގެ އިތުރުން ދިވެހިރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީވިލާތުގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން