ހުޅުމާލޭގައި ނުރައްކާތެރިކޮށް ކާރު ދުއްވައި، ފުލުހުންގެ ސައިކަލެއްގައި ޖެއްސުމުގެ ހާދިސާގައި ތުހުމަތުކުރެވޭ 18 އަހަރުގެ ޒުވާނެއް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހާދިސާގައި ފުލުހުންގެ އޮފިސަރަކަށް ވަނީ އަނިޔާވެފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރުމަށް އެންގުމުން، އެ އެންގުމަށް ތަބާނުވެ ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ސަރަހައްދުގައި ދުއްވަމުން ދިޔައެވެ. ފުލުހުން އެ ކާރުގެ ފަހަތުން ދިޔުމުން، ކާރުން ފުލުހުންގެ ސައިކަލުގައި ޖައްސައި ވައްޓާލާފައިވެއެވެ.
މި ހާދިސާގައި ތުހުމަތުކުރެވޭ ފަރާތަކީ ހ. ފިލިމާގެ، އައިކް ހައިޝަމް ޙަސަން (18 އަހަރު) ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭނާއާއެކު ކާރުގައި އިން އަންހެން މީހާވެސް ވަނީ ހައްޔަރުކުރެވިފައެވެ. ނަމަވެސް، އެ އަންހެން މީހާ ވަނީ މިހާރު ދޫކޮށްލާފައެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ފުލުސް އޮފިސަރަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަދި އިތުރު ފަރުވާ ހޯދުމަށްޓަކައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.