ރާއްޖޭގައި ކައިވެނިކުރާ ފަރާތްތަކުން ތެލެސީމިއާ ޓެސްޓް ހެދުން މަޖުބޫރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. މިގޮތުން ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެނެވުނު އިސްލާހާއެކު، ކައިވެނިކުރުމުގެ ހުއްދައަށް އެދޭއިރު ތެލެސީމިއާ ޓެސްޓްގެ ނަތީޖާ ހުށަހެޅުން ވަނީ ލާޒިމްކޮށްފައެވެ.
މިހާތަނަށް ކައިވެނީގެ ކުރިން ތެލެސީމިއާ ޓެސްޓް ހެދުމަށް ބާރުއަޅަމުން ދިޔަނަމަވެސް، ހުރިހާ ރަށެއްގައި މި ޓެސްޓް ނުހެދޭތީ، ބައެއް ރަށްރަށުގައި ޓެސްޓްގެ ނަތީޖާ ނެތި ކައިވެނި ކޮށްދެމުން ދިޔައެވެ. ނަމަވެސް އަލަށް ގެނެވުނު އިސްލާހާއެކު، ކޮންމެ މީހަކުވެސް ކައިވެނީގެ ކުރިން މި ޓެސްޓް ހެދުން މަޖުބޫރުވާނެއެވެ.
އިސްލާހުގައިވާ ގޮތުން، ތެލެސީމިއާ ޓެސްޓްގެ ނަތީޖާއިން ދައްކާގޮތުގައި ތެލެސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ ދެމަފިރިންނަށް ކައިވެނިކޮށްދިނުމުގެ ކުރިން، ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ޚާއްސަ ޕްރޮގްރާމެއް ފުރިހަމަކުރުން ލާޒިމްވާނެއެވެ.
ތެލެސީމިއާ ބަލީގެ ފަރުވާއަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޚިދުމަތްތައް ވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އަދި ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން 2024-2034 އެކުލަވާލައި، ހުޅުމާލޭގައި ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި އިސްލާހުތަކަކީ ތެލެސީމިއާ ބަލި ކޮންޓްރޯލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ. އަދި މި ބަދަލުތަކާއެކު ތެލެސީމިއާ ކުދިން އުފަންވުން މަދުކުރެވި، އެ ބައްޔަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވޭނެކަމަށް ބެލެވެއެވެ.