އަވަސް ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ސާމާނު އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލް އަށް ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
އަވަސް ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ސާމާނު އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލް އަށް ހަދިޔާކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި އަވަސް ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނު ސާމާނު ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން މިއަދު ހަދިޔާކޮށްފިއެވެ.

އިނގިރޭސި ހައިކޮމިޝަނުގެ ފަރާތުން މި ތަކެތި ހަދިޔާކުރިކަމުގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގް ވައްހާބްއެވެ. އެމްއޭސީއެލްގެ ފަރާތުން މި ފިލާ ބަލައިގަތީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދެވެ.

ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ޝަރީފު ވިދާޅުވީ، "އެމްއޭސީއެލްއަކީ ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށްވާއިރު، ރާއްޖެއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވާއިދުތައް އެ ކުންފުނީގައި ކަނޑައަޅައި ތަންފީޒު ކުރަމުން އަންނަ" ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝަރީފު ފާހަގަކުރެއްވި ގޮތުގައި، ދިމާވެދާނެ ކުއްލި ހާލަތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މުވައްޒަފުން ތަމްރީނުކޮށް، ގާބިލު ބަޔަކަށް ހެދުމަކީ ކުންފުނިން ނުހަނު އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލްއަށް ހަދިޔާކުރި ތަކެއްޗަށާއި އެ ކުންފުންޏާ ދޭތެރޭގައި ހައިކޮމިޝަނުން ބަހައްޓަވާ ގާތްކަމާއި ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މި ތަކެއްޗަކީ އިނގިރޭސި ވިލާތުގެ ސަރުކާރުން ހިންގަމުން އަންނަ ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް (ޕީއެސްއޭއާރުޕީ) ގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރައްޔިތުން ކުއްލި ހާލަތްތަކަށް ތައްޔާރުކޮށް، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގާބިލުކަން އިތުރުކުރުމެވެ.

މިއަދު އޮންލައިން