އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ފެންވަރަށް ކިޔެވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 15 ފަރާތަކަށް ސްކޮލަރޝިޕް ދީފިއެވެ. މި ސްކޮލަރޝިޕްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.
އެމްއެމްއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ސްކޮލަރޝިޕްގެ ދަށުން ބައިވެރިންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވަރސިޓީގެ އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮގްރާމަކީ ވިޔަފާރިތަކާއި އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
ދެވުނު ޖުމްލަ 15 ސްކޮލަރޝިޕްގެ ތެރެއިން 5 ސްކޮލަރޝިޕަކީ ފުލީ ފަންޑެޑް ސްކޮލަރޝިޕެވެ. އަދި 10 ސްކޮލަރޝިޕަކީ ޕާޝަލް ފަންޑެޑް ސްކޮލަރޝިޕެވެ. މިއީ އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ޤާބިލު މީހުން އުފެއްދުމަށް އެމްއެމްއޭއިން އަޅުއްވާ މުހިންމު ފިޔަވަޅެކެވެ.
އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސްއަކީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، ކޮންވެންޝަނަލް އަދި ޝަރީޢާ ފައިނޭންސްގެ ދާއިރާއިން ދުނިޔޭގައި ފާހަގަކުރެވޭ ޢިލްމުވެރިން އެކުލަވާލާފައިވާ ކޯހެކެވެ. މި ކޯހުގައި އިސްލާމިކް ފައިނޭންސްގެ އިތުރުން ލީޑަރޝިޕް ހުނަރުތައް އިތުރުކުރުމާއި، އަދި އެ ފަރާތްތަކުގެ މުއައްސަސާތަކާއި މުޖުތަމަޢުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ގިނަ ދާއިރާތަކެއް ހިމެނެއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، މި ދާއިރާގައި މަސައްކަތްކުރާނެ ޤާބިލު ފަންނީ މީހުން އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން އުންމީދުކުރައްވައެވެ.