ޢިބްރަތްތެރި ވާހަކަ: ރަން އެވޯޑް ޙައްޤު ދޮން މަންމައެއްގެ ވާހަކަ- ދޮންމަންމައަކަށްވީތީ ކުށްވެރިކުރުން ހުއްޓާލާފަ ނިކަން މިހާދިސާ ކިޔައިލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ޢިބްރަތްތެރި ވާހަކަ: ރަން އެވޯޑް ޙައްޤު ދޮން މަންމައެއްގެ ވާހަކަ- ދޮންމަންމައަކަށްވީތީ ކުށްވެރިކުރުން ހުއްޓާލާފަ ނިކަން މިހާދިސާ ކިޔައިލަބަލަ!

އެއީ ތަނަވަސްމީހެކެވެ. ދަރިންނަށް ހެޔޮ މީހެކެވެ. ދެދަރިން ލިބި ދަރިންގެ ޢުމުރުން 10، 12 އަހަރުވެގެން އައިއިރުވެސް އަނބިމީހާގެ ކިބައިން ހަރުދަނާކަމެއް ނުފެނުމުން ވަކިވީއެވެ. ވަރިކުރުމަށްފަހު ދަރިންގެ ޚަރަދަށް ފައިސާ ޖަމާކޮށްދެމުން އައީ ކުދިންގެ މާމަގެ އެކައުންޓަށެވެ. 

އޭނާ ދެވަނަ ކައިވެނީގައި އުޅެމުން ދަނިކޮށް އެއްދުވަހަކު ދެދަރިން އައިސް ބުނީ ހާލުގައި ޖެހިއްޖެކަމަށެވެ. ބައްޕަ ވަރަށް ކަންބޮޑުވެފައި މިމަހުވެސް ފައިސާ ޖަމާކޮށްދިނިން ކަމަށާއި ޙާލުގައި ޖެހުނީ ކީއްވެގެންތޯ ސުވާލުކުރުމުން ކުދިން ބުނީ ބާޒާރުކުރަން މާމަގެ ކާޑު ގެންގޮސް އެކައުންޓުގައި ހުރި ހުރިހާ ފައިސާ ނަގައިގެން ދޮންބައްޕައާއިއެކު މަންމަ ފިލައިފިކަމަށެވެ. ދޮންބައްޕައަކީ އިންޑިޢާ މީހަކަށްވުމުން ވެގެން މިއުޅޭ ގޮތް އެނގުނެވެ. 

ބައްޕަ ބުނީ އެނބުރި މާމަގެ ގާތަށް ދިއުމަށެވެ. އެހެން ބުނެފައި އިތުރު ކޭޝްކާޑެއް ދީފައި ބުނީ އެކާޑު މާމަގެ އަތަށް ދިނުމަށެވެ. މާމަ ގުޅައިލީމާ ޕިން ނަންބަރު ދޭނެ ކަމަށެވެ. އެވަޤުތު ދޮންމަންމަ ބައްޕަ ގޮވައިގެން ގޮސް ކޮޓަރިއަކަށް ވަނެވެ. ދެކުދިން ދުވެގޮސް ދޮރުގައި ކަންފަތް ޖަހައިގެން ތިބީ އަޑުއަހާށެވެ. ދޮންމަންމަ އާއިމެދު މަންމަ ދައްކާފައިހުރި ވާހަކަތަކުގެ ސަބަބުން ހީކުރެވުނީ ދޮންމަންމަ ރުރުހުނީ ކަމަށެވެ. 

ދޮންމަންމަ ބުނާ އަޑުއިވުނެވެ. "ތިއަ ހީކުރެވުނީ ފައިސާ ދިނީމާ އެއީ ދަރިން ބެލުނީ ކަމަށް ހެއްޔެވެ؟ އެދެބެއިން ބަލާނެ މަންމައެއް މިއަދަކު ނެތެވެ. ހުރީ މަސްކުޅި މާމައެކެވެ. އޭނާއަށް އެދެކުދިންގެ ކަންކަން ބަލަހައްތައިދެވޭނީ ކިހިނަކުން ހެއްޔެވެ؟ ދެބެއިންގެ އެކައުންޓަށް ކިތަންމެ ގިނަ ފައިށާ ޖަމާކޮށްދިނަސް އަދި މާމަގެ އެކައުންޓަށް ޖަމާކޮސްދިނަސް އަހުރެންގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު ދެކުދިން މިގެއަށް ގެންނާށެވެ. މާމަވެސް ގެންނާށެވެ. އަހުރެން އެ 3 މައިން ބަލައިދޭނަމެވެ. އެންމެ ރަނގަޅި މާމަވެސް ގެނެސްދިނިއްޔާއެވެ. އެއިރުން ދޮންމަންމަ ކަންކަން ކޮށްދޭ ގޮތް ފެންނާނެތާއެވެ. ތިބާ އަހުރެންނަށް ޝައްކުކުރާކަށް ނުޖެހޭނެތާއެވެ. 

އިރުކޮޅަކުން ދެމަފިރިން ނުކުތްއިރު ދެބެއިން ތިބީ އެކުދިން ބެއިތިއްބި ތަނުގައެވެ. އަނބިމީހާ ބޭނުންވި ގޮތަށް ފިރިމީހާ ކަންތައްކުރިއެވެ. އެ 3 މައިން ގެއަށް ގެނެސް ބަލަން ފެށިއެވެ. 

ކުރުކޮށްލާނަމެވެ. މިއަދު އެއަންހެންދަރިފުޅަކީ މިޑިކަލް ޑޮކްޓަރެކެވެ. ފިރިހެން ދަރިފުޅަކީ ޕީއެޗްޑީ ހޯލްޑަރެކެވެ. ބައްޕަގެ ވިޔަފާރި ބަލަހައްޓަމުން އަމިއްލަ މަސައްކަތްވެސް ކުރެއެވެ. ދެބެއިންވެސް މިއަދު ކަންބޮޑުވަނީ މަންމަ ނުފެންނާތީއެއް ނޫނެވެ. ދޮންމަންމައަށް ކަމެއްވެދާނެ ކަމަށެވެ. ދޮންމަންމަ ދެރަވެދާނެ ކަމަށެވެ. 

އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ދޮންމަންމަގެ ހިތުގައި ކޮންމެ ގޮތަކަށް އޮތްނަމަވެސް ފެނަނަ ތަނުގައި އަމިއްލަ ދަރިންނަށްވުރެ އިސްކަން ދެނީ 2 ދޮންދަރިންނަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ދޮންމަންމައަކަށް ވާންޖެހިއްޖެނަމަ އޭނާފަދައިން ދޮންދަރިންނަށް އިސްކަންދޭށެވެ. އެއިރުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. ދެވަނަ ކަމަކަށް ފިރިމީހާގެ ލޯބި ބޮޑުތަނުން އިތުރުވާނެއެވެ. 3 ވަނަ ކަމަކަށް މިގޮތަށް ދިމާވާ ގިނަ ޙާދިސާ ތަކުގައި އަމިއްލަ ދަރިންނަށްވުރެ ބޮޑަށް ދޮންދަރިންގެ އެހީތެރިކަން ލިބެއެވެ.

 

- ރުޤިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން