ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރަން ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރަން ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

2027 ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރަން ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށައެޅި އިސްލާހު މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

މި އިސްލާހު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި 7 މެންބަރަކު ވަނީ މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ.

ފެނާއި ނަރުދަމާގެ ޤާނޫނަށް މި އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރަންޖެހޭ މުއްދަތު އިތުރުކުރުމެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ޤާނޫނަށް އަމަލުކުރަން ފަށާތާ 5 އަހަރު ދުވަހުގެ ތެރޭގައި މި ޚިދުމަތް ޤާއިމުކުރަންޖެހޭ ކަމަށެވެ.

2020 ވަނަ އަހަރު ތަސްދީޤުކުރެވުނު މި ޤާނޫނުގައިވާ 5 އަހަރުގެ މުއްދަތު މިއަހަރު ހަމަވާއިރު، އެތައް ރަށެއްގައި އަދިވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރެވިފައި ނުވާތީ، މި މުއްދަތު 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

މި އިސްލާހާ އެކު، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަން ޖެހޭނެއެވެ.

މިއަދު އޮންލައިން