ބ. ކަމަދޫ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް އެ ސްކޫލުގައި އައު އިމާރާތެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ކަމަދޫ ސްކޫލުގައި އަޅާ މި އައު އިމާރާތުގައި ދެ ކްލާސްރޫމް ހިމެނޭނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ 5.4 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާއަށެވެ.
މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު، ޑރ. އިސްމާޢިލް ޝަފީޢެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލެވެ.
ކަމަދުއަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކަމަދޫ ސްކޫލަކީ ޖާގައިގެ ދަތިކަމާއި އިތުރު ވަސީލަތްތަކުގެ ބޭނުން ޖެހިފައިވާ ސްކޫލެއް ކަމަށާއި، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އަޅާ އިމާރާތާއެކު އެ ދަތިތައް ހައްލުވެގެންދާނެ ކަމަށެވެ.
"ކަމަދޫގެ އައު ސްކޫލަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ސްކޫލު އިމާރާތެއްގެ ގޮތުގައި ހަދައިދޭނެކަމުގެ ޔަގީންކަން ދެން،" ރައީސް ވިދާޅުވިއެވެ.