ޒަކާތުގެ ޤާނޫނެއް އެކުލަވާލުމަށް ފުރަތަމަ ފަހަރަށް ބިލެއް މަޖިލީހަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޒަކާތުގެ ޤާނޫނެއް އެކުލަވާލުމަށް ފުރަތަމަ ފަހަރަށް ބިލެއް މަޖިލީހަށް ހުށަހަޅައިފި

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތާ ގުޅޭ ކަންކަން ކަނޑައަޅައި، ތަންފީޒުކޮށް، ހަރުދަނާކުރުމަށްޓަކައި ޒަކާތުގެ ޤާނޫނެއް އެކުލަވާލުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިއަދު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ. އަދި ބިލު ވަނީ ދިރާސާކުރުމަށް ކޮމިޓީއަކަށް ފޮނުވާފައެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި މުދަލުގެ ބާވަތްތައް ކަނޑައެޅުންވެސް ހިމެނެއެވެ.

ބިލުގައިވާ ގޮތުން، ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ޒަކާތާ ގުޅޭ ސިޔާސަތުތައް ޢާންމުކޮށް، އެ ސިޔާސަތުތަކާ ގުޅޭގޮތުން ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އިރުޝާދާއި ލަފާ ދިނުމަކީ ވަޒީރުގެ މަސްއޫލިއްޔަތެކެވެ.

މި ޤާނޫނުގެ މުހިންމު އެއް މަޤްޞަދަކީ ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ނިޒާމެއް ޤާއިމުކުރުމެވެ.

މިއަދު އޮންލައިން