ބ. ކަމަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ކަމަދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމްއަކީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ ސެލްފް ސަރވިސް އޭޓީއެމްއެކެވެ. މީގެ އިތުރުން، ބީއެމްއެލްއިން ފާހަގަކުރެއްވި ގޮތުގައި މި އޭޓީއެމް މެދުވެރިކޮށް ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ.
ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ. މި ނިންމެވުމާ އެއްގޮތަށް ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް މިހާރު ވަނީ ޤާއިމްކުރެވިފައެވެ. އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ގޮތުން ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރެވުނެވެ. ކަމަދޫ ކައުންސިލުގެ ފަރާތުން މި ކާޑާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް، ޙަސަން ޒަރީރުއެވެ.
މި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު ކަމަދޫގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.