ސައިބަރ ސެންޓަރުން އަބަދުވެސް ތިބޭނީ ސައިބަރ ނުރައްކަލާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރުވެގެން: ސީޕީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 32ސ
ސައިބަރ ސެންޓަރުން އަބަދުވެސް ތިބޭނީ ސައިބަރ ނުރައްކަލާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރުވެގެން: ސީޕީ

ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރުން ކަށަވަރުކޮށްދޭނީ ދިވެހިރާއްޖެއަށް ކުރިމަތިވާ ކޮންމެ ސައިބަރ ނުރައްކަލަކާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރަށް، ތިބޭނެ ބައެއްގެ ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑާޓާ ސެންޓަރުގެ ބިންގާ އެޅުމަށް ހުޅުމާލޭ ފޭސް 2ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ އަލަށް ގާއިމުކުރެވުނު ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ފަރުމާކުރެވިފައިވަނީ ސައިބަރ ދާއިރާގައި ގައުމުގެ "ޝީލްޑް އެންޑް ވޮޗްޓަވަރު"ގެ ގޮތުގައި ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ސްޕޭސްގެ ނުރައްކާތައް ދެނެގަނެވޭނޭ ގޮތަށް ކަމަށެވެ.

އަދި އެ ކަންކަމަށް އިޖާބަދީ، ހުއްޓުވައި، އެފަދަ ކުށްތައް މަދު ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ. މި ޒަމާނުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ ހަމައެކަނި ފިޒިކަލީ ފުލުހުން ކުރާ މަސައްކަތުގެ މައްޗަށް ނޫން ކަމަށާއި، ފެންނަން ނުހުންނަ ސައިބަރ ސްޕޭސްގެ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަމުގެ މައްޗަށްކަންވެސް ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެން މިދެކެނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ތާރީޚީ ފިޔަވަޅެއް. އަޅުގަނޑުމެންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ރަސްމީކޮށް އިފްތިތާހުކުރެވިގެން ދިއުން. މިއީ ހަމައެކަނި ފެސިލިޓީއެއް ހުޅުވުމެއް ނޫން، އަޅުގަނޑުމެންގެ ގައުމުގެ ޑިޖިޓަލް ސްޕޭސް ރައްކާތެރިކުރުމުގެ އައު މަސައްކަތްތަކެއްގެ ފެށުން." ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން

ސީޕީ ވަނީ މި ސެންޓަރުން ކަށަވަރުކޮށްދޭނީ ދިވެހިރާއްޖެއަށް ކުރިމަތިވާ ކޮންމެ ސައިބަރ ނުރައްކަލަކާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރަށް، ތިބޭނެ ގޮތަށް ކަމަށްވެސް ވިދާޅުވެފައެވެ.

ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު ގާއިމުކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ސް (ޔޫއޭއީ)ގެ އެހީތެރިކަމާއެކުގައިކަން ފާހަގަކުރައްވާ ސީޕީ ވަނީ މިއީ ދެ ގައުމުގެ ރަޙްމަތްތެރިކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެގޮތުން ސީޕީ ވަނީ ޔޫއޭއީގެ ސައިބަރ ސެކިއުރިޓީގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީއަށް ޝުކުރު ދަންނަވާފައެވެ.

މި މަޝްރޫއު ހަގީގަތަކަށް ހެއްދެވުމުގައި ވެދެއްވި އެހީތެރިކަމަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާނަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ޝުކުރު ދެންނެވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަ ނިންމަވައިލެއްވީ، އަޅުގަނޑުމެންގެ ރަހުމަތްތެރިންނާއި ބައިވެރިންނާ އެކުގައި، އަޅުގަނޑުމެން މާއްދީ އަދި ޑިޖިޓަލް ދުނިޔޭގައި އަޅުގަނޑުމެންގެ ރައްޔިތުންޔިތުންގެ މުސްތަގުބަލު ރައްކާތެރިކުރާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު އިފްތިތާހު ކުރެވިގެން ދިއުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް ޒަމާނީކުރުމަށާއި، ދުނިޔޭގައި އަބަދުވެސް ބަދަލުވަމުންދާ ސައިބަރ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެކެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން