ކުޑަރިކިލުގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުޑަރިކިލަށް ވަޑައިގެން، އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްޓަކައި އަމަލީގޮތުން އޭޓީއެމުން ފައިސާ ނަންގަވައި، މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވިއެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލުގެ ރައީސް، ޢަބްދުލްޙަންނާން ޢައްބާސްއާ ހަވާލުކުރެއްވިއެވެ.
މިއީ އޭޓީއެމް މަޝްރޫޢުގެ ދަށުން މިޚިދުމަތް ޤާއިމްކުރެވުނު 39 ވަނަ ރަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ އިންތިޚާބީ ވަޢުދެކެވެ. މި ވަޢުދު ފުއްދުމުގެ ގޮތުން މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުޑަރިކިލުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން 24 ގަޑިއިރު ތެރޭގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބޭނެއެވެ.
އަދި ހަމައެހެންމެ، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމް މެދުވެރިކޮށް ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ފާހަގަކުރައްވާފައެވެ. މި ޚިދުމަތް ފެށުމާއެކު، ކުޑަރިކިލުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް ބެލެވެއެވެ.