ރައީސް ކެންދޫއަށް ވަޑައިގެންނެވުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރައީސް ކެންދޫއަށް ވަޑައިގެންނެވުމުން ހޫނުމަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބ. ކެންދޫއަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ތިންވަނަ ރަށެވެ.

ކެންދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އެކި އުމުރުފުރައިގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއްވެފައެވެ. ދަތުރުފުޅުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކެންދޫގެ ތަރައްޤީއަށް ރޭވިފައިވާ މުހިންމު މަޝްރޫޢުތަކެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ އިތުރުން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަހުގެ 11 ވަނަ ދުވަހުން 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ބ. އަތޮޅުގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ ޖުމުލަ 13 ރަށަކަށެވެ. މިގޮތުން ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި މާޅޮހަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން