ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، މި ޢިމާރާތުގެ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ އެކުންފުންޏަށް 29 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 10 މުވައްޒަފުންނާއި، މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދުއާއި، ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު އަދި ކުންފުނީގެ ބޯޑު މެންބަރުންގެ ހާޒިރުގައެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީން ހާމަކުރި މަޢުލޫމާތުގައި، މިއަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި ޢިމާރާތުގެ އަމަލީ މަސައްކަތް މުޅިން ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި ޢިމާރާތުގެ މަސައްކަތް ނިމުމާއެކު، ދުވާލަކު 5,000 ޓަނުގެ ފެން އުފެއްދޭ 2 އާރްއޯ ޕްލާންޓް މި ޢިމާރާތުގައި ބެހެއްޓުމުގެ މަސައްކަތްވެސް ފެށިގެންދާނެއެވެ.

"މިއީ މާލެއާއި ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެޅިގެންދިޔا މުހިންމު ފިޔަވަޅެއް،" އެމްޑަބްލިޔުއެސްސީގެ އިސްވެރިން ވިދާޅުވިއެވެ. އަދި މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒުކަމުގައި ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢަކީ މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން